މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން 2025 ވަނަ އަހަރުގެ އޭޕްރީލްމަހު ފޮނުވާ ބިލްތަކަށް ރަމަޟާން ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.
އެމްޑަބްލިއުއެސްސީއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކާ ގުޅިގެން އަޅަން ނިންމާފައިވާ ފިޔަވަޅެކެވެ.
އެމްޑަބްލިޔުއެސްސީ އިން ނެރުނު ނޫސް ބަޔާނެއްގައި 1446 ވަނަ އަހަރުގެ ރަމަޟާންމަހު، ގޭބީސީތަކުގެ ފެންބިލާއި ކަރަންޓުބިލަށް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަން ހާމަކޮށް ބުނެފައި ވަނީ މި ޑިސްކައުންޓް ދޭނީ 2025 އޭޕްރީލް މަހު ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ބިލްތަކަށް ކަމަށެވެ.
ޑިސްކައުންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކުގެ ތެރޭގައި:
1. އާންމު މަހެއްގެ ބިލުގެ މިންވަރު ކަނޑައަޅާނީ 2024 ވަނަ އަހަރުގެ 9 މަހުގެ އެވްރެޖް އަށް ބަލައިގެންނެވެ.
2. އޭޕްރީލް މަހުގެ ބިލް އާންމު މަހަކަށްވުރެ ބޮޑުވާނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އުނިކުރެވޭނެއެވެ.
3. ޑިސްކައުންޓްގެ މިންވަރު %10 އަށްވުރެ ކުޑަނަމަ، %10 އާ ހަމައަށް މަތިކޮށްދެވޭނެއެވެ.
4. އޭޕްރީލް މަހުގެ ބިލް އާންމު މަހަކަށްވުރެ ކުޑަނަމަ، %10 ގެ ޑިސްކައުންޓެއް ދެވޭނެއެވެ.
5. އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި، ކުރިން ރެޖިސްޓަރ ކުރެވިފައިވީ ނަމަވެސް މިހާތަނަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށްވެސް %10 ގެ ޑިސްކައުންޓެއް ދެވޭނެއެވެ.
މި ޑިސްކައުންޓާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް، ކަސްޓަމަރުންނަށް އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމަށް ނުވަތަ 1050 އަށް އެސްއެމްއެސް ކުރުމަށް ނުވަތަ mail@mwsc.com.mv އަށް އީމެއިލް ކުރުމަށް އެ ކުންފުނިން އަންގާފައިވެއެވެ.



