މިއަދު މެންދުރުފަހު ތިލަފުއްޓާއި ދިމާ ބޭރުން ދަތުރުކުރަމުންދިޔަ ”ސުވެނިއަރ 34“ ނަމަކަށް ކިޔާ ލޯންޗެއް ފަޅައިގެން ގޮސް ދިޔަވުމާ ގުޅިގެން އެ ލޯންޗުގައި ތިބި 38 މީހުން ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ފަޅައިގެން ގޮސް ދިޔަވަމުންދިޔަ ”ސުވެނިއަރ 34“ ލޯންޗު މިއަދު މެންދުރު 14:00 ހާއިރު ކޯސްޓްގާޑްގެ އަވަސް އެހީތެރިކަމާއެކު ތިލަފުށީ ފަޅަށް ވައްދައި ލޯންޗުގައި ތިބި ހުރިހާ ފަސިންޖަރުން ސަލާމަތްކޮށްފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފްގެ އިތުރަށް ބުނީ މި އުޅަނދުގައި ޖުމްލަ 38 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 34 ޓޫރިސްޓުންނާއި 4 ކްރޫ މެންބަރުން ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
ލޯންޗެއް ފަޅައިގެން ގޮސްގެން ސިފައިން ހަރަކާތްތެރިވަމުންދާއިރު، އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްގެން ފުލުހުން ވަނީ މިއަދު ހެނދުނު ހަރަކާތްތެރިވެފައެވެ. އަދި އެ ލޯންޗުން ދަތުރުކުރި 48 މީހުން ފުލުހުން ވަނީ ސަލާމަތްކޮށް ރައްކާތެރިކަމާއެކީ އަނބުރާ ދިގުރަށަށް ގެންގޮސްދީފައެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ވިއްސާރަ ދުވަސްވަރަކަށްވާތީ، ކަނޑުދަތުރުފަތުރުކުރާ އެންމެހައި ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުކުރުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށްވެސް އެދިފައިވެއެވެ.




