މި ރޯދަ މަހުގެ ފުރަތަމަ ދުވަހު (އިއްޔެ) މާލެ ސަރަހައްދުގައި ކަރަންޓު ބޭނުން ކޮށްފައިވާ މިންވަރު ބޮޑުތަނުން ދަށް ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ވިއްސާރަ ދުވަހަކަށްވުމުންނާއި ސްކޫލްތަކާއި އޮފީސްތައް ވެސް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށަށްގޮސްފައި ކަމަށެވެ.
އެގޮތުން އެންމެ ޕީކްގައި 78 މެގަވޮޓް ހޮނިހިރު ދުވަހު ބޭނުންކޮށްފައިވާއިރު، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓް އިން މަތީގައި ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.
އާންމުކޮށް ހޫނުގަދަ ދުވަސްވަރު ކަރަންޓު ބިލު ބޮޑުވުމަކީ ގިނަ ރައްޔިތުން ކޮންމެ އަހަރުވެސް ކުރަމުން ގެންދާ ޝަކުވާއެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ފެބްރުއަރީ މަހުން ފެށިގެން، ޖުލައި ނުވަތަ އޮގަސްޓު މަހާ ޖެހެންދެން، ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުވާ ކަމަށް ބުނެ ގިނަ ބަޔަކު އެ ޝަކުވާ މީސް މީޑިއާގައާއި އެކިއެކި މަންސަތަކުގައި ކުރެއެވެ.
އެކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ސްޓެލްކޯއިން ކޮންމެ އަހަރަކު ރައްޔިތުންނަށް މައުލޫމާތުދީ، ކަރަންޓު ބިލު ބޮޑުވާ މައްސަލައާއި އެކަމުގެ ހައްލުވެސް ކިޔައިދެއެވެ.
އެގޮތުން ހޫނު މޫސުމުގައި ކަރަންޓު ގިނައިން ބޭނުން ކުރުމުން ބިލު ބޮޑުވާނެކަމާއި، އާންމުކޮށް ގިނައިން ކަރަންޓު ހޭދަވާ މުދާ ގަންނައިރު، ފޭކު ނޫން އެއްޗެއް ގަތުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ސްޓެލްކޯއިން ނަސޭހަތްތެރި ވެފައިވެއެވެ. މީގެއިތުރުން، ކޮންމެހެން ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ކަރަންޓު ސާމާނު ޖައްސާފައި ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.



