ދިގުރަށް ކައިރިން ”ހުވަން“ ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށް ދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ހެނދުނު 7:57 ހާއިރު ހިނގާފައިވާ މިހާދިސާގައި ދިގުރަށުން މާލެއަށް ދަތުރުކުރަމުން ދިޔަ މި އުޅަނދުގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ތިބިއެވެ.
މިއާއި ގުޅިގެން ކޮމިޝަނަރ ޝުޖާޢު ވިދާޅުވެފައި ވަނީ ރަމަޟާން މަހުގެ ހެނދުނުގެ ވަގުތެއްގައި މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ފުލުހުން ދައްކާފައިވާ ނަމޫނާއިން ފަޚުރުވެރިވާ ކަމަށާއި އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވުނު މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމަށެވެ. އަދި މި އޮޕަރޭޝަން ވިލަރެސްކުރުމުގައި ކުރެވުނު މަސައްކަތްވެސް ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.
ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ ވިދާޅުވީ މިއީ ނާޒުކު އޮޕަރޭޝަނެއް ކަމަށާއި، ފުލުހުންގެ އަވަސް ނިންމުންތަކަކީ އެފަރާތްތަކުގެ ތައްޔާރީ އަދި އިޚްލާޞްތެރިކަމުގެ ހެއްކެއް ކަމަށެވެ.
މީގެއިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އިސްމާޢީލް ނަވީން ފާހަގަކުރައްވާފައިވަނީ 4 ކުޑަކުދިން ހިމެނޭ ގޮތަށް އުޅަނދުގައި ތިބި 48 މީހުން ރައްކާތެރިކަމާއެކު ސަލާމަތްކުރެވުނު ކަމަށާއި، އޮޕަރޭޝަންގެ ވިލަރެސްކުރުން ވަރަށް ރަނގަޅަށް ގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން، ރީޖަން ކޮމާންޑަރ ވަނީ އާންމު ރައްޔިތުންގެ ދައުރު ފާހަގަކުރައްވައި، ކަނޑުވި މީހުން ދިގުރަށަށް އަނބުރާ ގެންދިއުމުގައި އެހީތެރިވި ލޯންޗުގެ ވެރިފަރާތަށް ޝުކުރު އަދާކުރައްވާފައެވެ.



