ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހު ފެނަކަ ކޯޕަރޭޝަނުގެ ކަސްޓަމަރުންނަށް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާން މަހަކީ އާންމު ގޮތެއްގައި އަސާސީ ޚިދުމަތްތަކަށް ކުރަންޖެހޭ ޚަރަދު އިތުރުވާ މަހެއްކަމުން، ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމުގެ ގޮތުން ރައީސް މުޢިއްޒު ވަނީ މި ރަމަޟާން މަހުވެސް ކަރަންޓާއި ފެނަށް ކުރަންޖެހޭ ޚަރަދު ޢާންމު މަހަކަށްވުރެ އިތުރުނުވާނެ ގޮތަކަށް އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ނިންމަވާފައެވެ.
މި ނިންމުން ތަންފީޒުކުރުމަށްޓަކައި، ރައީސް އޮފީހާއި، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީއާއި، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި ހުރިހާ ޔޫޓިލިޓީ ކުންފުނިތަކާ އެކު މަޝްވަރާކުރެވުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ފެނަކައިން ވަނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް 4 ގޮތަކަށް ޑިސްކައުންޓް ދިނުމަށް ނިންމާފައެވެ.
ޑިސްކައުންޓް ދޭ ގޮތްތަކުގެ ތެރޭގައި ހިމެނެނީ:
1. 2024 ގެ އެންމެ ހޫނުގަދަ 3 މަސް އުނިކުރުމަށްފަހު، ބާކީ 9 މަހުގެ އެވްރެޖަށްވުރެ ރަމަޟާން މަހު ބިލް އިތުރުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި ދިނުން.
2. ފާއިތުވި އަހަރުގެ އެވްރެޖާއި މި ރަމަޟާން މަހުގެ ބިލުގެ ތަފާތު %10 އަށްވުރެ ކުޑަނަމަ، މުޅި ބިލުން %10 ޑިސްކައުންޓް ދިނުން.
3. ރަމަޟާން މަހުގެ ބިލް ފާއިތުވި އަހަރުގެ އެވްރެޖަށްވުރެ ކުޑަނަމަ، މުޅި ބިލުން %10 ޑިސްކައުންޓް ދިނުން.
4. އަލަށް ޚިދުމަތް ހޯދާ ފަރާތްތަކަށް ރަމަޟާން މަހުގެ ބިލުން %10 ޑިސްކައުންޓް ދިނުން.
ފެނަކައިން ބުނެފައި ވަނީ މި ފިޔަވަޅުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ރަމަޟާން މަހުގެ ބިލްތައް ދުރާލާ އަންދާޒާކުރުމަށް ފަސޭހަވެ، ބިލްތައް ބޮޑުނުވާނެކަމުގެ ޔަޤީންކަން ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ރައީސް މުޢިއްޒުގެ ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން އެޅޭ ފިޔަވަޅެއްކަންވެސް ފާހަގަކޮށްފައިވެއެވެ.




