މާލޭގައި ފެންބޮޑުވާ މަގުތަކުން ފެން ހިންދަން ޓްރޭޝް ޕަމްޕު ގެންނަން ސިޓީ ކައުންސިލުން ނިންމީ، އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަތުމުން ކަމަށް ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވާތީ، ފެން ހިންދުމަށް މާލޭ ސިޓީ ކައުންސިލުން، ސަރުކާރުގެ ޚަރަދުގައި ދެ ޕަމްޕު ގެނެސް މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ.
ސަރުކާރުގެ ޚަރަދުގައި ގެނައި ޕަމްޕުތަކެއް ބޭނުން ކުރުމަށް ގެނައީ މާލެ ސިޓީ ކައުންސިލުން ކަމަށް ބުނެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
މިކަމާ ގުޅޭގޮތުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގެ ފަރާތުން އާރްޑީސީ މެދުވެރިކޮށް ފެން ހިންދަން ޓްރޭޝް ޕަމްޕު ގެންނަން (ޕީއެންސީގެ މެޖޯރިޓީ އޮންނަ) ކައުންސިލުން ފާސްކުރީ އެގޮތަށް ރައީސް މުޢިއްޒު އެދިވަޑައިގަތުމުންނާއި އެއީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވަން އެމަނިކުފާނު އިސްކަން ދެއްވާލެއް ބޮޑުކަމުން ކަމަށެވެ.
”ކައުންސިލުން ކުރާ ކޮންމެ ޚަރަދެއް ކުރެވޭނީ ކައުންސިލު ބޯޑުން ފާސްކޮށްގެން. ކައުންސިލު ބޯޑުގެ ސުޕަރ މެޖޯރިޓީއަކީ ރައީސް މުޢިއްޒުގެ ޕީއެންސީ ކައުންސިލަރުން“ މާލެސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި، މި ދެ ޕަމްޕަކީ ސިޓީ ކައުންސިލުން ބޭނުންވެގެން، ސަރުކާރުން ފައިސާ ދައްކާ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) މެދުވެރިކޮށް ގެނެސްފައިވާ ޕަމްޕުތަކެކެވެ. އެގޮތުން މި ޕަމްޕުތައް މިހާރު ބޭނުންކުރަނީ ޑިފެންސް މިނިސްޓްރީ ގެ ބެލުމުގެ ދަށުންނެވެ.
މި ޕަންޕުތަކުން މިނެޓަކު 11،356 ލީޓަރުގެ ފެން ބޭރު ކުރާނެއެވެ. މީގެ ކުރިން މާލޭގައި ފެން ހިންދުމަށް ބޭނުންކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރެވޭ ޕަމްޕުތަކެވެ.



