”ހުވަން“ ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުން ދައްކުވައިދިނީ ޤައުމީ ޚިދުމަތުގައި ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމުގެ ފުރިހަމަ ނަމޫނާ ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އދ. ދިގުރަށުން މާލެއަށް ދަތުރުކުރި ”ހުވަން“ ނަމަކަށް ކިޔާ ލޯންޗެއް އިއްޔެ ހެނދުނު ވަނީ އަޑިއަށް ގޮސްފައެވެ. އެ ލޯންޗުގައި 45 ޕަސިންޖަރުންނާއި ތިން ފަޅުވެރިން ހިމެނޭގެން މުޅިއަކު 48 މީހުން އެވަގުތު ދަތުރުކުރަމުން ދިޔައެވެ.
މިހާދިސާއާ ގުޅިގެން ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމުތަކުން ލޯންޗު އަޑިއަށް ދިޔަ ސަރަހައްދަށް ގޮސް ކަނޑުވި ހުރިހާ އެންމެން ވަނީ ސަލާމަތްކޮށްފައެވެ.
މީސްމީޑިއާގައި މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 48 މީހުން ދަތުރުކުރި ”ހުވަން“ ލޯންޗު އަޑިއަށްދިޔަ ހާދިސާގައި ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި މީހުން ސަލާމަތްކުރުމުގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި ދިވެހި ފުލުން ދެއްކެވި ހިއްވަރާއި ކެރުމާއި ސާބިތުކަމަކީ ފުލުހުންގެ މުއައްސަސާއަށް ޒިއްމާވާ މިނިސްޓަރުގެ ހައިސިއްޔަތުން ފަހުރުވެރިކަމާއިއެކު އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް އަދި މުޅި ފުލުހުންގެ މުއައްސަސާއަށް ހިފެހެއްޓުމެއް ނެތް ޝުކުރާއި ތަޢުރީފު އަދާކުރާ ކަމެއް ކަމަށެވެ.
އަދި މިއީ ޤައުމީ ހިދުމަތުގައި ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމުގެ ފުރިހަމަ ނަމޫނާއެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުވެސް ވަނީ ފޯނުން ގުޅުއްވައި އިއްޔެ ޝުކުރު އަދާކުރައްވާފައެވެ.
އެގޮތުން ކޮމިޝަނަރ ވިދާޅުވީ ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރައްވާ ކަމަށާއި އަދި އެ މަސައްކަތާމެދު ފަހުރުވެރިވާ ކަމަށެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތްވެސް ފާހަގަކުރެއްވިއެވެ.



