ރަނގަޅު މީހަކު ހަޔާތަށް އައިސްފިނަމަ ކައިވެނި ކުރަން ބޭނުންވާކަމަށް ބޮލީވުޑްގެ ތަރި އަދި ކުރީގެ މިސް ޔުނިވާސް ސުޝްމީތާ ސެން ބުނެފިއެވެ.
ދާދި ފަހުން އިންސްޓަގްރާމް ލައިވް ސެޝަނެއްގައި ކައިވެނި ކުރުމާ ބެހޭ ގޮތުން ފޭނަކު ކުރި ސުވާލަކަށް ޖަވާބުދެމުން ސުޝްމީތާ ވަނީ އޭނާގެ ވިސްނުމާ ބެހޭ ގޮތުން ވަރަށް ސާފުކޮށް ވާހަކަ ދައްކައި، ހަޔާތަށް ރަނގަޅު ބައިވެރިޔަކު އައިސްފިނަމަ ކައިވެނި ކުރާނެކަން ހާމަކޮށްފައެވެ.
ކައިވެންޏަށް ފުރުސަތު ދޭނީ ދިރިއުޅުމަށް ރަނގަޅު ބައިވެރިއަކު އައިސްގެން ކަމަށް ސުޝްމިތާ ބުނެފައި ވާއިރު، ކައިވެނީގެ މައުލޫގައި ސުޝްމިތާއަކީ ވަރަށް ”ސެލެކްޓިވް“ މީހެކެވެ.
”އަހަރެންވެސް ކައިވެންޏެއް ކުރަން ބޭނުން، ނަމަވެސް ކައިވެނި ކުރާވަރުގެ ”ވޯތު“ މީހަކު ހުންނަން ޖެހޭނެ“ ކަމަށް ސުޝްމީތާ ވަނީ ބުނެފައެވެ. މީހުން ބުނާ ފަދައިން އެއީ ހިތާ ހިތުގެ ގުޅުމެއް ކަމަށާއި އެ އިހުސާސް އެންމެ ފުރަތަމަ ހިތާއި ހަމައަށް ވާސިލުވާން ޖެހޭނެ ކަމަށް ސުޝްމިތާ ބުންޏެވެ.
ސަޕޯޓަރުންނާ އެކު ބޭއްވި އެހެން ސެޝަނެއްގައި ސުޝްމިތާ ވަނީ އޭނާ އަކީ ކައިވެނީގެ ތެރެއިން ވެލިޑޭޝަން ބޭނުންވާ ޕާކިން ޓިކެޓެއް ނޫންކަންވެސް ހަނދާންކޮށްދީފައެވެ.
ސުޝްމިތާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަށް މީޑިއާގައި އަންނަނީ އަބަދުވެސް ބޮޑު ސަމާލުކަމެއް ލިބެމުންނެވެ. މީގެ ކުރިން އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ބާނީ ލަލިތު މޯދީއާ ސުޝްމިތާގެ ލޯބީގެ ވާހަކަތައް ވަނީ ވަރަށް ބޮޑަށް ދެކެވިފައެވެ. އެދުވަސްކޮޅު ލަލިތު މޯދީ ވަނީ އެ މީހުންގެ ރޮމޭންސް އިންސްޓަގްރާމް އޮފިޝަލްކޮށް، ދެމީހުން އެކުގައި ޗުއްޓީ ހޭދަކުރާ މަންޒަރުގެ ފޮޓޯތައްވެސް ހިއްސާ ކޮށްފައެވެ.
ނަމަވެސް އެ ދެމީހުން ވަކިވި ކަމުގެ އަޑުތައް ފެތުރުނު ހިސާބުން ލަލިތު ވަނީ ސުޝްމިތާއާއެކު ނަގާފައިވާ ހުރިހާ ފޮޓޯއެއް އޭނާގެ ޕްރޮފައިލްއިން ޑިލީޓު ކޮށްފައެވެ. މީގެ އިތުރުން ލަލިތު ވަނީ އޭނާގެ އާ ބައިވެރިޔާ ތައާރަފްކޮށް ސުޝްމިތާއާ ލަލިތުގެ ބްރޭކްއަޕް ކަށަވަރުކޮށްދީފައެވެ.




