ރައްޔިތުންގެ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަކިކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، މެންބަރު އަޒާން ވަނީ އެ ވިޕާ ޚިލާފުވެފައެވެ، އަދި މަޖިލީހުގައި އެ ބިލާ ގުޅިގެން ވޯޓަށް އެހި ވަގުތުވެސް އަޒާން ވަނީ ވޯޓު ނުދެއްވައި، އެވަގުތު މަޖިލިސް ތަޅުމުން ނުކުމެ ވަޑައިގެންފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ބަދަލު ގެންނަން ޕީއެންސީން ޕާލިމެންޓަރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.
އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ. އަދި 241 ކޮމިޓީއަށް އައްޔަން ކުރީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.
މި ދެ ކޮމިޓީން އަޒާން ވަކިކުރުމަށްފަހު އޭނާ މިހާރު ހަމަޖައްސަވާފައިވަނީ ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަށެވެ.



