އެމްޓީސީސީން ހިންގާ އާރްޓީއެލްގެ ނަމުގައި މީސްމީޑިއާގައި ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.
އެގޮތުން މީހުން ސްކޭމް ކުރުމަށް، ”މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް“ ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ވަނީ، އާރްޓީއެލްއިން ހިލޭ ދަތުރުކުރެވޭނެ ކަމަށްބުނެ ފޯމެއް ފުރިހަމަ ކުރަން ލިންކެއް ހިއްސާކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އެމްޓީސީސީން މިއަދު މީސް މީޑިއާ މެދުވެރިކޮށް ބުނީ ސްކޭމް ކުރުމުގެ ގޮތުން ޕޯސްޓު ކޮށްފައިވާ އެ ފޭސްބުކް ޕޭޖަކީ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް، ”ފޭކު“ ޕޭޖެއް ކަމަށެވެ.
އެގޮތުން ”ސްމާޓް ކާޑު“ ބޭނުންކޮށްގެން އެމްޓީސީސީގެ އާރުޓީއެލް ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނެ އެ ޕޭޖުގައި ދައުރު ކުރަމުންދަނީ ހަގީގަތެއް ނެތް މައުލޫމާތު ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މިފަދަ ސްކޭމުތަކާ މެދު ސަމާލުވުމަށް އެމްޓީސީސީން ވަނީ ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފަ އެވެ.




