ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 30 ވަރަކަށް މިނެޓު ކުރިއަށް ގެންދިޔުމަށްފަހު ނިންމާލައިފިއެވެ.
މިއީ މިއަހަރުގެ ރަމަޟާން މަސް ފެށުމަށްފަހު ބޭއްވި ފުރަތަމަ މަޖިލިސް ޖަލްސާއެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ފަށާފައިވަނީ ހެނދުނ 10:30 ގައެވެ. އަދި 11:00 ވަނިކޮށް ޖަލްސާވަނީ ނިންމާލައިފައެވެ.
ރަމަޟާން މަސް ނޫން އެހެން މަސްމަހުގައި އާންމުކޮށް މަޖިލިސް ޖަލްސާ ފަށަނީ 9:00 ގައެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ލިޔުމުން ޖަވާބު ހޯދުމަށް ކުރި ހަތަރު ސުވާލުގެ ޖަވާބު ތަޅުމަށް އިއްވުމާއި، ގައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ މަސައްކަތެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ކުރުކޮށްލައި ނިންމާލުމަށްފަހު، ކޮމިޓީ މަސައްކަތްތައް ވެސް ކޮށްފައެއް ނުވެއެވެ.



