އެމްޕީއެލްގެ އޯކްޝަން ޕޯޓަލްއިން ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބައިވެރިވެވޭނެ ގޮތް ހަދައިފިއެވެ.
އެމް.ޕީ.އެލް އިން މިއަދު ބުނީ އޯކްޝަން ޕޯޓަލްއިން މިހާރު ހިތަދޫ ޕޯޓުން ހުޅުވާލާ ނީލަންތައް ފެންނާނެ ކަމަށެވެ.
އެގޮތުން މިހާރު އޯކްޝަން ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، އިތުރު އެއްވެސް ފީއެއް އަދި ރަޖިސްޓްރޭޝަނަކާ ނުލައި އެ ޚިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މި ޕޯޓަލް މެދުވެރިކޮށް އެއްވަގުތެއްގައި ތަފާތު ނީލަންތަކުގައި އެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައި ވާނެ ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.
މި ޕޯޓަލް މެދުވެރިކޮށް ހިތަދޫ ޕޯޓުގައި ހުންނަ މުދާތައް ގަތުމަށް ނީލަމުގައި އޮންލައިންކޮށް ބައިވެރިވެ، ބިޑްކޮށް ފައިސާވެސް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. ނީލަމުގައި ބައިވެރިވާ ފަރާތެއް އެ ފަރާތުން ގަންނަން ބޭނުންވާ މުދަލުގެ ހުރިހާ މަޢުލޫމާތެއް ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް އެ އެމްޕީއެލްއިން މައުލޫމާތު ދީފައި ވެއެވެ. ހިތަދޫ ޕޯޓަށް ގެންނަ މުދަލުގެ ތެރެއިން އާންމުކޮށް ކްލިއަރ ނުކޮށް ގިނަ ދުވަސްވެގެން ނީލަމުގައި ވިއްކާލަނީ ވެހިކަލްތަކެވެ.
އެމް.ޕީ.އެލްގެ އޯކްޝަން ޕޯޓަލްއަކީ 2022 ވަނަ އަހަރު ތައާރަފްކުރި ޚިދުމަތެކެވެ. މިއީ މާލޭ ވިޔަފާރި ބަނދަރަށް ގެނެސް، ގިނަ ދުވަސްވަންދެން ކްލިއަރނުކޮށް ހުންނަ މުދާ ވިއްކާލަން ބާއްވާ ނީލަންތަކުގައި ވީހާވެސް ގިނަ ބަޔަކަށް ލުއި ފަސޭހަގޮތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ޚިދުމަތެކެވެ.
އޯކްޝަން ޕޯޓަލްގައި މީގެ ކުރިން ބައިވެރިވެވެނީ މާލޭ ވިޔަފާރި ބަނދަރުގެ ނީލަންތަކުގައި އެކަންޏެވެ. އެމްޕީއެލްއިން ބުނީ ހިތަދޫ ޕޯޓްގެ ނީލަންތައް އޯކްޝަން ޕޯޓަލްއަށް އިތުރު ކުރުމުން، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ހިތަދޫ ޕޯޓްގެ ނީލަންތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.
އެމްޕީއެލް އިން ބުނީ ކުރިއަތް އޮތްތަނުގައި ކުޅުދުއްފުށީ ޕޯޓުގެ ނީލަމުގެ ޚިދުމަތް ވެސް އޮކްޝަން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ ޚިދުމަތް ތައާރަފްކުރުމަކީ އެ ކުންފުނީގެ ވިސްނުމެއް ކަމަށެވެ.




