އައްޑޫ ސިޓީ ކައުންސިލުން އާންމު ވިޔަފާރިތަކަށް ބިން ދޫކުރުމަށް އަނެއްކާވެސް ފުރުޞަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ މަރަދޫ ސަރަޙައްދުން 1،017.5 އަކަފޫޓުގެ ހަތް ބިމެވެ.
ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބިންތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
ނަމަވެސް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ މުއްދަތު ކަނޑައަޅާފައި ވަނީ މާދަމާއިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ.
ކަައުންސިލުން ބުނެފައިވާ ގޮތުގައި ބިމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރީވުމަށްޓަކައި ނަމާއި، އެޑްރެސް، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް finance@adducity.gov.mv އަށް ފޮނުވަންވާނެއެވެ. އަދި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 300 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.
މި ބިންތައް ދޫކުރުމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 6885003 ނަންބަރާ ގުޅުމަށް ކައުންސިލުން އަންގާފައިވެއެވެ.




