މާލޭގައި ޓެކްސީއެއްގައި އަންހެނަކު، އޭނާ ދާން އުޅުނުތަން ނޫން އެހެން ތަނަކަށް ގަދަކަމުން ގެންދަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މީސް މީޑިއާގައި އެހެން މީހަކު ކޮށްފައިވާ ޕޯސްޓަކުންނެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ފެނުނީ މަޖީދީމަގުން ދުއްވަމުން ދިޔަ ކާރެއްގެ ދޮރު ކުއްލިއަކަށް ހުޅުވާފައި އަންހެނަކު (ސަލާމަތްވާން ނިކުންނަ ގޮތަށް) މިކުތް މަންޒަރު ކަމަށެވެ.
އެހެންކަމުން އަންހެންމީހާއަށް އެހީތެރިވާން އޭނާވެސް ދިޔަކަމަށާއި ވެގެން އުޅޭގޮތް އޮޅުން ފިލުވުމުން، އެ އަންހެން މީހާ ގެންދަން ބުނިތަން ނޫން އެހެން ތަނަކަށް ޓެކްސީ ޑްރައިވަރު އޭނާ ގެންދަން އުޅޭތީ ސަލާމަތްވާން ކާރު ދޮރު ހުޅުވާފައި ނިކުތީ ކަމަށް އޭނާ ބުންޏެވެ. ޑްރައިވަރު އޭނާއާ ދައްކަން ނުޖެހޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އެ އަންހެން މީހާ ހުޅުމާލެއިން ދަތުރު ނެގީ ”އަވަސް ރައިޑް“ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށާއި ޑްރައިވަރުގެ ނަމަކީ މުޙައްމަދު ވާފިރު ކަމުގައި ވެސް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އަވަސް ރައިޑުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.
އަވަސް ރައިޑުން ބުނީ ޓެކްސީ ނަންބަރު AB1A T7646 މުޙައްމަދު ވާފިރު 1 މާރިޗު 2025 ވީ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެއިން މާލެއަށް ކުރި ދަތުރުގައި ޕަސިންޖަރާ ބޭއަދަބީކޮށް މުޢާމަލާތް ކުރުމާއި ޕަސިންޖަރު ދާން ބޭނުންވި ތަނަށް ނުގެންދިޔަ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ލިބިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދެފަރާތާއި ވާހަކަ ދައްކައި ތަހުގީގު ކުރުމަށްފަހު، އެ ޑްރައިވަރަށް އަވަސް ރައިޑް ކުންފުނިން ދީފައިވާ ހުރިހާ ހިދުމަތެއް (އަވަސް ރައިޑް އެޕް، އަވަސް އެޕް، ޓެކްސީ ސެންޓަރ) އިއްޔެއިން ފެށިގެން ދާއިމީކޮށް ކަނޑާލާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އަވަސް ރައިޑުން ބުނެފައިވެއެވެ.




