ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ދިވެހިރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިނިސްޓަރު ޝަހީމް ވަނީ މި ހިތްވަރުގަދަ ހަދިޔާއަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީއަށް ޝުކުރު ދަންނަވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއީ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ ހެއްކެކެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަދުރު ހަދިޔާކުރާއިރު، މިއަހަރުގެ ކުރީކޮޅު ސަޢުދީ ޢަރަބިއްޔާއިން ވަނީ 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ.



