ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ހުއްޓާލުމަށް އިޒްރޭލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ، އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށެވެ.
އިޒްރޭލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރުކުރުވުމަށާއި، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.
މީގެއިތުރުން، މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.



