ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ގާތްގާތުގައި 2 ބިލް ފޮނުވި ސަބަބު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ކިޔައިދެއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، މިއީ ކުރިން ވެސް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައިވާ ކަމެއް ކަމަށާއި، މިއީ ކަސްޓަމަރުންގެ ފައިދާއަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި މިއީ އެއް ޔޫސޭޖަކަށް ކުރާ ދެ ބިލެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، މި ބިލްތަކަކީ ސްޓެލްކޯގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވަރީގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ލަސްވުމުގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލްތަކެއް ކަމަށެވެ. މި ބިލްތައް ދެއްކުމަށް ޖޫރިމަނާ ނާރާ ގޮތަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.
މި ބިލްތައް ފޮނުވުމުގެ އަނެއް މަޤްޞަދަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރަމަޟާން މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލުގައި ހިމެނުން ކަމަށް ފަހުމީ ވިދާޅުވިއެވެ. މިގޮތުން ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، މި ބެކްލޮގް ފިލުވާލެވުމާއެކު އޭޕްރިލް މަހުން ފެށިގެން ކޮންމެ މަހެއްގެ ފަހު ހަފްތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު ބިލް ޑެލިވަރ ކުރެވޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ބިލުގައިވާ ރީޑިންގ އާއި މީޓަރާ އަޅާކިޔުމުގެ ފުރުޞަތު ލިބި، ސްޓެލްކޯއަށް ކަސްޓަމަރުންގެ އިތުބާރު އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، 75 އަހަރުގެ ގައުމީ ޚިދުމަތުގެ ރެކޯޑެއް އޮތް ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ފަހުމީ އަރުވާފައިވެއެވެ.



