ކަނޑުމަހަށްފަހު ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކީ ކުކުޅެވެ. އެއް ޒަމާނެއްގައި ކުކުޅުން ހަމައެކަނި ރިހަ ކެއްކި ކަމުގައިވިޔަސް، މިހާރު އޭގެން ތަފާތު އެކިވައްތަރުގެ ކާނާ ތައްޔާރުކޮށްލަން ގިނަ ބަޔަކަށް އެނގެއެވެ.
އެގޮތުން މިއަދުގެ ރެސިޕީއަކީ، ފަސޭހައިން ތައްޔާރު ކޮށްލެވޭ ސްޕައިސީ ޗިކަން އެވެ. މިއީ ރޮއްޓާއެކު، ނުވަތަ ބަތާއެކީގައި ވެސް ކާލެވޭނެ މީރު ސައިޑް ޑިޝް އެކެވެ.
ބޭނުންވާނެ ތަކެތި:
▪︎ 1 ސައިސަމުސާ ހަކުރު
▪︎ ½ 1 ސައިސަމުސާ ތެޅި މިރުސް
▪︎ 2 ސައިސަމުސާ ވިނެގާރ
▪︎ 3 ސައިސަމުސާ ސޯޔާ ސޯސް
▪︎ ½ 1 ސައިސަމުސާ ރެޑް ޕެޕަރ އޮއިލް (ނުލިބިއްޖެނަމަ އާދައިގެ ތެޔޮވެސް ބޭނުން ކުރެވިދާނެ)
▪︎ 5 ސައިސަމުސާ ފެން
▪︎ 2 ސައިސަމުސާ އޮއިސްޓަރ ސޯސް
▪︎ ކޮށާފައިހުރި 2 ރެޑް ޕެޕަރ (ރަތް ކުލައިގެ ތޮޅި މިރުސް)
▪︎ ކޮށާފައިހުރި 2 ގްރީން ޕެޕަރ (ފެހި ކުލައިގެ ތެޅި މިރުސް)
▪︎ ކޮށާފައިހުރި 2 ގިތެޔޮ މިރުސް
▪︎ ކޮށާލާފައި ހުރި ބޯންލެސް ޗިކަން (ކަށިނެތް ކުކުޅު)
▪︎ ލޮނު (އެމީހަކު ލޮނު ހެޔޮވަރު ކުރަން ބޭނުންވާ މިންގަނޑަކަށް)
▪︎ އަސޭމިރުސް
▪︎½ 1 ކޯން ފްލާ (ޒުވާރި ފުށް)
▪︎ ½ ސައިސަމުސާ ސެސަމީ ސީޑްސް (ބޭނުންނަމަ)
ތައްޔާރުކުރާނެ ގޮތް:
- އެންމެ ފުރަތަމަ (ސޯސްގަނޑު ތައްޔާރު ކުރުމަށް) ހަކުރު، ތެޅި މިރުސް، ވިނެގާރ، ސޯޔާ ސޯސް، ތެޔޮ، ފެން، އޮއިސްޓަރ ސޯސް، ކޮށާލާފައި ހުރި ރެޑް ޕެޕަރ އާއި ގްރީން ޕެޕަރ އަދި ގިތެޔޮ މިރުސް ތައްޓަކަށް އަޅާ އެއްކޮށްލާށެވެ.
- ދެން އެހެން ތައްޓެއްގައި ނުވަތަ ޓްރޭ އެއްގައި، ކޮށާލާފައި ހުރި ކުކުޅުކޮޅު އަތުރާލުމަށްފަހު އޭގެ މައްޗަށް ލޮނާއި، އަސޭމިރުސް އަދި ޒުވާރި ފުށް އަޅާލައި ހާކާލާށެވެ. ކުކުޅުކޮޅުގެ ދެ ފުށުގައިވެސް މިތަކެތި ހާކަންވާނެއެވެ.
- އެއަށްފަހު ކުޑަ ތެޔޮކޮޅެއް ތަވަޔަކަށް އެޅުމަށްފަހު، ކުކުޅުކޮޅު ރަނގަޅަށް ރޯފިލަންދެން ފިހެލާށެވެ.
- ރަނގަޅަށް ކުކުޅުކޮޅު ރޯފިލުމުން އޭގެމައްޗަށް ކުރިން ތައްޔާރުކުރި ސޯސްގަނޑު އަޅާލާށެވެ.
- ރަނގަޅަށް ސޯސްގަނޑުވެސް ތައްޔާރުވުމުން ތަވާމަތިން ނަގާށެވެ. ބޭނުންނަމަ ތައްޔާކުރި ސްޕައިސީ ޕެޕަރ ޗިކަން ގެ މައްޗަށް ސެސަމީ ސީޑްކޮޅެއް ވެސް އެޅިދާނެއެވެ.


