މަޝްހޫރު ދިވެހި ފިލްމު ޕްރޮޑިއުސަރ އަދި ޑިރެކްޓަރ ފާތިމަތު ނަހުލާ ތައްޔާރުކުރާ ފިލްމުތަކަކީ، އަބަދުވެސް އެ ފިލްމުތަކުން ގިނަ ބަޔަކަށް ފުން އަސަރުތަކެއް ކުރުވާ އަދި އިބްރަތްތެރި މެސެޖުތަކެއް ވެސް ލިބިގެންދާ ފިލްމުތަކެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.
އެފަދައިން އޭނާ އުފެއްދި ކާމިޔާބު ބައެއް ފިލްމުތަކަކީ ”ނާއުންމީދު“، ”ޔޫސުފް“، ”ޒުލެއިޚާ“، ”ބޮސް“ އަދި :4426″ އެވެ. ގިނަ ދުވަސްތަކަކަށްފަހު މިހާރު ނަހުލާ ލިޔެ، ޑައިރެކްޓުކޮށް، ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ފިލްމަކީ ”ސޮރީ“ އެވެ.
”ސޮރީ“ މި ފިލްމަކީ ކުރެވޭ އެންމެ ކުށެއްގެ ސަބަބުން، ޙަޔާތައް ދިމާވާ ބޮޑެތި ބަދަލުތަކާއި ކަންތައްތަކުގެ މައްޗަށް ބިނާ ކޮށްފައިވާ ވަރަށް އަސަރުގަދަ ފިލްމެކެވެ. މި ފިލްމުގައި ހަމައެކަނި ނަމަނަމައިން ކަންކަން ނުކުރެވޭނެކަމާއި ވަގުތު އޮއްވާ
ނިންމުންތައް ނިންމުމުގެ މުހިންމުކަން ވެސް ދައްކުވައިދީފައިވާނެކަން ފިލްމު އުފެއްދި ފަރާތުން ބުނެފައިވެއެވެ.
މި ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ މިހާރު ނަހުލާގެ ގިނަ ފިލްމުތަކުގައި ލީޑް ރޯލު ކުޅެމުން އަންނަ އައްޒަ އާއި ޔޫއްޕެ އެވެ. އޭގެ އިތުރުން އީސަ (އާނަންދު) އަދި ވާޝިޔާ ވެސް ފެނިގެންދާނެއެވެ.
މި ތަރިންގެ އިތުރުން ”ސޮރީ“ ގައި އެންމެ މުހިންމު ލީޑު ރޯލުތަކެއް ކުޅޭ ކުޑަކުޑަ ދެ ތަރިންނަކީ ނަހޫގެ ހުނަރުވެރި ހަގު ދަރިފުޅު ލާލި އާއި ފިލްމު ”ޒުލެއިޚާ“ ގެ ކުޅަދާނަ އެކްޓްރެސް (ނަހޫގެ ދޮށީ އަންހެން ދަރިފުޅު) ނާޝްގެ ހުނަރުވެރި ދަރިފުޅު
އެވްލީން އެވެ. މި ކުދިންގެ ހުނަރުވެރިވެ އެކްޓިންގްއިން ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެކަމާމެދު ޝައްކެއްވެސް ނެތެވެ.
”ސޮރީ“ އޮލިމްޕަސް ތިއޭޓަރުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުގައެވެ.



