ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑުކޮށް، ފަނޑިޔާރުންނަށް ބިރުދައްކަމުން ގެންދާކަމުގެ ތުހުމަތުތަކެއް ކުރައްވައި، އެ ކޯޓުގެ ފަނޑިޔާރު ހުސްނު ސުޢޫދު މިއަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ސުޢޫދު ހަމަޖެއްސީ 2019 ވަނަ އަހަރުގައެވެ. އެއަށްފަހު އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުޢޫދާއި އެ ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީން ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އިސްތިއުފާ ސިޓީގައި ސުޢޫދު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
މީގެއިތުރުން ސުޢޫދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ވެސް މަދު ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ކަމަށެވެ. އަދި ފަނޑިޔާރުން ސަސްޕެންޑު ކުރުމަކީ އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންގެންދާތީ، ބިރުދެއްކުމުގެ ގޮތުން ކޮށްފައިވާ ޢަމަލެއްކަމުގައި ސުޢޫދުވަނީ ތުހުމަތު ކުރައްވާފައެވެ.
އެހެންކަމުން އެކަމަށް އިހުތިޖާޖު ކުރެއްވުމުގެ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިހިނދުން ފެށިގެން އިސްތިއުފާ ދެއްވާކަމުގައި އެ ސިޓީގައި އޭނާ ވިދާޅުވެފައިވެއެވެ.




