ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފިއެވެ.
އިދިކޮޅުގެ ފަރާތުން މި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު އެވެ.
ޝަމްހީދު ހުށަހެޅުއްވި މި ކުއްލި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އެތައް ގޮތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ކުޑަކުރަން މަޖިލިހުން ފާސްކުރީ ވެސް އެކަމުގެ ތެރެއިން ކަމުގައި ޝަމްހީދު ހުށަހެޅި ކުއްލި މައްސަލައިގައި ބަޔާން ކޮށްފައިވެއެވެ.
މީގެއިތުރުން މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނިކޮށް، އެ ކޯޓުގެ ފަނޑިޔާރުންތަކެއް ކުއްލި ގޮތަކަށް ސަސްޕެންޑު ކުރީވެސް އެކަމުގެ ތެރެއިން ކަމުގައި ބިނެފައިވެއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މި މައްސަލަ ބޭރުކޮށްލާފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ.



