ސަރުކާރުން އިޢުލާންކުރި 4000 ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން، މިހާތަނަށް 600 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ޝަކުވާ ހުށަހެޅުމުގެ މުއްދަތު ފެށުނު ފަހުން މިހާތަނަށް ޖުމްލަ 675 ޝަކުވާ ވަނީ ލިބިފައެވެ. މީގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ 452 ޝަކުވާއަކާއި ދެ ކޮޓަރީގެ ލިސްޓާ ގުޅޭ 223 ޝަކުވާއެއް ހިމެނޭކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ފްލެޓް ލިސްޓަށް ”ގެދޮރުވެރިޔާ“ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހޮނިހިރު ދުވަހު ހުޅުވާލާފައިވާއިރު، މިމަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއް ނަމަ، ވުޒާރާގެ އީމެއިލް އެޑްރެހަށް ނުވަތަ ސިޓީއަކުން ހުށަހެޅޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން، މިހާރު އިޢުލާންކޮށްފައިވާ ލިސްޓްގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށާއި ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން، އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑަނާޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ، ފްލެޓު ލިބޭނީ 1820 މީހުންނަށެވެ. މީގެ ތެރޭގައި ތިން ކޮޓަރީގެ ލިސްޓުން 1423 މީހުންނާއި ދެ ކޮޓަރީގެ ލިސްޓުން 397 މީހުން ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.



