މި ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯ އިން އިތުރަށް ކާށި ގެނެސް، ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.
އެސްޓީއޯ އިން ގެންދަނީ، ކެއްކުމަށް އާންމުކޮށް ބޭނުންކުރާ ބާވަތްތައް ރަމަޟާން މަހު މަތިނުވެ އެއްވަރެއްގައި ހިފެހެއްޓޭތޯ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އިންޑިއާއިން ރާއްޖެއަށް ގެނައި ކާށީގެ ދެވަނަ ޝިޕްމަންޓު މިހާރު އެސްޓީއޯ ޕީޕަލް ޗޮއިސްއިން ވިއްކަމުންދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މިހާރު ކާށި ކިލޯއެއް 20 ރުފިޔާ ވިއްކާއިރު، ކާށީގެ ސައިޒަށް ބަލައި، ވަކިން ކާއްޓެއްގެ އަގު ޖެހޭނީ ގާތްގަނޑަކަށް 7 ރުފިޔާއާއި 9 ރުފިޔާއާ ދެމެދުގައެވެ.
އެސްޓީއޯއިން ކާށި ކިލޯއެއް 20 ރުފިޔާއަށް ލިބޭއިރު، ލޯކަލް މާރުކޭޓުގައި ވަކިން ކާއްޓެއްގެ އަގު އުޅެނީ 40 ރުފިޔާ ނުވަތަ އެއަށްވުރެ މަތިންނެވެ.
މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައެވެ. އެގޮތުން މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރާވާފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.



