ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ރައީސް އޮފީހުގައި ރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އިސްރަށްވެހިންގެ ޖަމުޢިއްޔާ ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، މެންބަރުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާ އިސްރަށްވެހިންގެ ނާދީ އަލުން ހުޅުވައިދެއްވިކަމަށްޓަކައި ޖަމުޢިއްޔާގެ ފަރާތުން ރައީސަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އިސްރަށްވެހިންނަށް ޚާއްޞަ ޕްރޮގްރާމްތަކުގައި ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ޖަމުޢިއްޔާގެ ފަރާތުން ވަނީ އަމިއްލަ ޖަމުޢިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް ރައީސާ ހިއްސާކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އަމިއްލަ ޖަމުޢިއްޔާތަކަށް އޮފީސް ޖާގަ ހޯދައިދިނުމަށް އޮފީސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަމެއް ކަމަށާއި ސަރުކާރުގެ ބަޖެޓުން މި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މީގެއިތުރުން، ދިވެހި މުޖުތަމަޢު އިތުރަށް ތަހުޒީބުކުރުމަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ކުރިމަގަށް ފައިދާހުރި އެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރުމަށް ޖަމުޢިއްޔާގެ މެންބަރުން ތައްޔާރަށް ތިބި ކަމަށެވެ. އަދި މުޖުތަމަޢުގެ އިޖުތިމާޢީ މިންގަނޑު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޖަމުޢިއްޔާއާ ހިއްސާކުރެއްވިއެވެ.
ބައްދަލުވުން ނިމުމުގެ ކުރިން، ޖަމުޢިއްޔާއިން ހުށަހެޅި ކަންކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ.




