ހަށިގަނޑުގައި މާކިއުރީ ނުވަތަ ދިރޭރަހަ ހުރި މިންވަރު ހިލޭ ބަލައިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓުން މިއަދު ބުނީ އެ މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް ގުޅިގެން ދިވެހިންގެ ހަށިގަނޑުގައި މާކިއުރީ ހުރި މިންވަރު ބެލުމަށް ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށެވެ.
މި ދިރާސާގައި ބައިވެރިވެވޭނީ،ކ،އއ،އދ،އަދި ވ.އަތޮޅުގައި ދިރިއުޅޭތާ މަދުވެގެން ތިން އަހަރުވެފައިވާ 35-18 ދެމެދުގެ ދިވެހި އަންހެނުންނަށެވެ. އަދި އެ ފަރާތްތައް ވާން ވާނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ،އިސްތަށިގަނޑުގައި ކުލަ ޖައްސާފައި ނެތް،އިސްތަށިގަނޑު 2 އިންޗިއަށްވުރެ ދިގު ފަރާތްތަކަށެވެ.
މީގެ އިތުރުން މި ދިރާސާގައި މާބަނޑު ފަރާތްތަކާއި ކިރުމައިންނަށް ބައިވެރި ނުވެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި 2023 އާއި 2024 ވަނަ އަހަރު މި ދިރާސާގައި ބައިވެރިވެފައިވާ ފަރާތަކަށް މި ފަހަރު ބައިވެރި ނުވެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
މާކިއުރީ ހަށިގަނޑުގައި ހުންނަ މިންވަރު ބެލުމަށް މި ދިރާސާގައި ބޭނުންކުރާނީ ބޮލުގެ 20 އިސްތަށި ބުޑުން ކަތުރަކުން ކޮށާލައިގެންނެވެ. ދިރާސާ ނިމުމުން ބައިވެރިވި ފަރާތްތަކަށް ވަކިން އެ ފަރާތެއްގެ ނަތީޖާ ހިއްސާކުރާނެއެވެ.
މި ދިރާސާގެ ނަތީޖާ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ރިޕޯޓެއްގެ ސިފައިގައި އާންމުކުރާނެއެވެ. ނަމަވެސް ބައިވެރިވި ފަރާތްތަކުގެ ޒާތީ މައުލޫމާތު އެނގޭނެހެން ޓެސްޓުގެ ނަތީޖާ އެއްވެސް ފަރާތަކަށް ހާމަ ނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.
ދިވެހިންގެ ހަށިގަނޑަށް މާކިއުރީ އެތެރެވާނެ ކަމަށް ލަފާކުރެވޭ މައިގަނޑު ޒަރިއްޔާއަކީ ކަނޑުމަހެވެ. އެހެންކަމުން ދިވެހިންގެ ކެއުން ކަނޑުމަހަށް ބަރޯސާވެފައި ވާތީ ހަށިގަނޑުގައި މާކިއުރީ ހުރި މިންވަރު ބެލުން މުހިންމެވެ.
މާކިއުރީއަކީ ހަށިގަނޑުގައި ގިނަވުމުގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުކުރާ މައުދަނެކެވެ. މާކިއުރީގެ ގެއްލުން ބޮޑަށް ކުރާނީ މާބަނޑު އިރު ބަނޑުގައިވާ ދަރިފުޅަށެވެ.




