ސަރުކާރުން ފަނޑިޔާރުންނަށް ބިރުދައްކަމުންދާ ކަމަށް ބުނެ، ސުޕްރީމު ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިއަދު ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފެއެވެ.
ނަމަވެސް ޤާނޫނޫގައި ވާގޮތުގެ މަތިން ޖޭއެސްސީއަށް ފޮނުވަން ޖެހޭ ސިޓީއެއް، ސުއޫދު ފޮނުއްވެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށެވެ.
ފަނޑިޔާރުންގެ ގާނޫނޫގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުގައި ފަނޑިޔާރަކު އޭނާގެ މަޤާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެ ހިނދެއްގައި އޭނާ އެ މަޤާމުން އިސްތިއުފާ ދޭކަން އަންގައި އިސްތިއުފާ ދޭން ބޭނުންވާ ތާރީހާއެކު، ލިޔުމަކުން ޖުޑިޝަލް ސާރވިސް ކޮމިޝަނަށް ހުށަހެޅުމުން އެ ލިޔުމުގައި ކަނޑައަޅާފައިވާ ތާރީހުން ފެށިގެން އޭނާ މަޤާމުން ވަކިވާނެއެވެ.
ޤާނޫނޫގައި ވަރަށް ސާފުކޮށް މިކަން ބަޔާންކޮށްފައި އޮތްވައި، ފަނޑިޔާރު ހުސްނުއްސުއޫދު ފަދަ ފުންނާބު އުސް ޤާނޫނީ މާހިރަކު ޤާނޫނުގައި އޮތް ގޮތް ނޫން އެހެން ގޮތަކަށް އަމަލު ކުރުމުން ސުއޫދުގެ އިސްތިއުފާ އާއި މެދު ސުވާލު އެފެދޭ ކަންތައްތަކެއް އެބަ ހުއްޓެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ ހުސްނުއްސުއޫދުގެ އިސްތިއުފާ ގެ ސިޓީ ރައީސް ޑރ. މުއިއްޒުއަށް ފޮނުވާ، އެ ސިޓީ އޭނާ މީޑިއާއަށް އާންމުކުރެއްވީ ’ސިޔަސީ ސްޓަންޓެއް‘ ހެއްދެވުމުގެ ބޭނުމުގައި ކަމަށެވެ.
އަދި ސުއޫދު ނިމިދިޔަ އެމްޑީޕީ ގެ ވެރިކަމުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގައި ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ އިރު، ގިނަ ބަޔަކު އަންނަނީ ސުއޫދުގެ ނަޒާހާތްތެރިކަމާއި މެދު ސުވާލު އުފައްދަމުންނެވެ.
ޤާނުނާއި ހިލާފަށް ހުސްނުއްސުއޫދު މިއަދު އިސްތިއުފާ ދެއްވާފައި ވާއިރު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ސުއޫދުގު މައްސަލަތަކެއް ބަލަމުންނެވެ.
ޖޭއެސްސީ ގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ސައިވީސް އާއި ވާހަކަ ދައްކަމުން ބުނީ ފަނޑިޔާރު ހުސްނުއްސުއޫދު ގެ އިސްތިއުފާ ގެ ސިޓީ އެ ކޮމިޝަނަށް ލިބިފައިނުވާ ކަމަށާއި، ސުއޫދާ ގުޅޭ މައްސަލަތައް ކުރިޔަށް ގެންދަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ހުސްނުއްސުއޫދަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ސަސްޕެންޑުކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެކެވެ.
ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނަ ކުރެއްވީ ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައެވެ. ފަނޑިޔާރު ކަމަށް އައްޔަނު ކުރެއްވުމުގެ ކުރިން ސުއޫދު ވަނީ ސޯލިހު އުފެއްދެވި މަރު ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާފައެވެ.




2 Comments
ކަލޭމެން ހާދަހާ ކިއުރިިއަސް ވެގެން ތިޔަ އުޅެނީ
ސިޔާސީ ފަޑިޔާރު ވަކިކުރޭ