މެލޭޝިއާ އިން ގެއްލިގެން ހޯދަމުންދާ ދިވެއްސެއް ކަމުގައިވާ އަހުމަދު އުސެއިދު، ހެޔޮ ހާލުގައި ހުރިކަން ކެމެރާތަކުން ފެންނަ ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް އޭނާއާ ބައްދަލުވާނެ ކަމަށް އުންމީދުކުރާ ކަމުގައި، އުސެއިދުގެ ބައްޕަ އިބްރާހިމް އަފީފް މިރޭ ބުނެފިއެވެ.
އުސެއިދު ގެއްލުނު ކަމަށް ބުނެ އޭނާގެ އާއިލާއިން އިއްޔެ ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓެއް ކޮށްފައެވެ. އަދި ފޮރިން މިނިސްޓްރީން ވެސް ވަނީ، މެލޭޝިޔާގައި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މަޢުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާކަމަށް އިއްޔެ ބުނެފައެވެ.
އެގޮތުން އެ މިނިސްޓްރީން އިއްޔެ ބުނެފައިވަނީ މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އެ ޤައުމުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ގެއްލުނު ފަރާތް ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
އުސެއިދު މިހާރު ފެނިއްޖެކަމުގައި ބައެއް ފަރާތްތަކުން މިއަދު ބުނެފައިވާތީ، އެކަމާ ގުޅޭގޮތުން އާއިލާގެ ފަރާތުން އޭނާގެ ބައްޕަ، އަފީފު، ވަނީ ސޯޝަލް މީޑިއާގައި މިރޭ ޕޯސްޓެއް ކޮށްފައެވެ.
އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ 2 މާރޗް 2025ވަނަ ދުވަހުގެ 15:15 ގެ ފަހުން އުސެއިދު ސަންވޭ ޖީއޯ އިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ޚަބަރެއްނުވެގެން، އެރޭ
22:00 ގައި އެކަން ފުލުހަށް އެންގި ކަމަަށާއި އަދި ހަމަ އެދުވަހު މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ވެސް އެކަން އެންގި ކަމަށެވެ.
މައްސަލަ ފައިލް ކުރި ހިސާބުން ފެށިގެން، ފުލުހުންނާއި ހައި ކޮމިޝަންގެ
ބޭފުޅުން އުސައިދު ހޯދުމުގެ މަސައްކަތް ފެށި ކަމަށާއި އެކިއެކި ގްރޫޕްތަކުގައާއި، ހެޔޮއެދޭ ފަރާތްތަކުން އުސައިދު ފެނޭތޯ ކުރެވެންހުރި ހުރިހާމަސައްކަތެއް ހުއްޓުމެއްނެތި ކުރަމުން ގެންދިޔަކަން އަފީފް ވަނީ ފާހަގަކޮށްފައެވެ.
”އެގޮތުން ކުރެވުނު މަސައްކަތުން، ސީސީޓީވީ ކެމެރާ ފްޓޭޖް ތަކުން ލިބުނު މައުލޫމާތުންނާއި ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، ހަމަ އެދުވަހު 16:00 އެހާކަށްހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނު. ނަމަވެސް އެދުވަހަކީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާގޮތެއްނުވުމުން، އެތާގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެންދިޔައިރު އުސައިދުގެ ވޮލަޓްެއާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފަ“ އަފީފް ބުނެފައިވެއެވެ.
މީގެއިތުރުން އުސެއިދުގެ ބައްޕަ ބުނީ، ތިންވަނަ ދުވަހު އެމްބަސީ ހުޅުވުމާއެކު، އެތަނުގެ ކެމެރާތައް ބަލައި ޗެކްކުރިއިރު، އެހިސާބުގައި އުސައިދު ސަލާމަތުން ހުރިކަން އެނގިފައިވާ ކަމަށެވެ. އަދި މިއަދު (ހަތަރުވަނަ ދުވަހު) 11:00 ގައި ހައިކޮމިޝަނުން ވަނީ އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ޕޮލިސް މެދުވެރިކޮށް އާއިލާއާއި ހަވާލުކޮށްފައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
”ނަމަވެސް އުސައިދު އަޅުގަނޑުމެންނާ އަދި ބައްދަލެއް ނުވޭ. އިރާދަކުރެއްވިޔާ ވަރަށްއަވަހަށް އުސައިދުގެ ޚަބަރެއް ވާނެ. انساءالله“
އުސެއިދުގެ ބައްޕަ ބުނީ، ހެޔޮހާލުގައި އުސެއިދު ހުރިކަން ކެމެރާތަކުން ފެންނަ ކަމަށާއި، ހުރީ ރަތް ކުލައިގެ ޓީޝާޓެއް ލައިގެން ކަމަށެވެ.



