ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް މައުރަޒު ކަމުގައިވާ އައިޓީބީ ބާލިން 2025 ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދިވެހިރާއްޖެ ތަމްސީލުކޮށްފިއެވެ.
މި މަހުގެ 4 ވަނަ ދުވަހުން 6 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި ބޭއްވޭ މި މައުރަޒުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ވިޔަފާރިއެއް ތަމްސީލުކުރާ 200 އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ.
އެމްއެމްޕީއާރުސީން ހާމަކޮށްފައިވާ ގޮތުގައި އެކޯޕަރޭޝަންގެ އަމާޒަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ ހޯދާފައިވާ މަތީ މަޤާމު ހިފެހެއްޓުމާއި، ޖަރުމަނު ބަހުން މުޢާމަލާތްކުރާ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.
އެމްއެމްޕީއާރުސީން ހާމަކުރި ގޮތުގައި މި މައުރަޒުގެ ސަބަބުން ޖަރުމަނު ބަސް ބޭނުންކުރާ ޤައުމުތަކުގެ މާކެޓުތަކާއި އެހެނިހެން ޤައުމުތަކުގެ ނަން މަޝްހޫރު ދަތުރު ރާވާ ފަރާތްތަކާއި، ދަތުރު އޭޖެންޓުންނާއި މީޑިއާތަކާ އެކު ގުޅުން ބަދަހިވެގެންދާނެއެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނާ އެކު ނެޓްވޯކް ގާއިމުކޮށް، ވިޔަފާރީގެ ގުޅުންތައް ހަރުދަނާކޮށް، ވިޔަފާރިތަކަށާއި އާންމުންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަމުގައި އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.
މިއަހަރުގެ އައިޓީބީ ބާލިންގައި ރާއްޖޭގެ ޤުދުރަތީ ޖަމާލުކަމާއި ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތައް ފެންނާނެހެން 504 އަކަމީޓަރުގެ ދެ ފަންގިފިލާގެ ސްޓޭންޑެއް ވަނީ ތައްޔާރުކޮށްފައެވެ. މި ސްޓޭންޑުގައި ޚާއްޞަ މެހުމާނުންނަށް ބައްދަލުކުރެވޭނެ ތަނަކާއި، ތިން ވަކި ސަރަޙައްދެއްގައި ސިނާއަތުގެ ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. އަދި ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ އާދަކާދައިގެ ކަންމަތިއެއްވެސް ހިމެނިފައިވެއެވެ.
މީގެ އިތުރުން، އެމްއެމްޕީއާރުސީން ވަނީ ”ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު – ބާލިން އެޑިޝަން“ ގެ ނަމުގައި ޚާއްޞަ ބައްދަލުވުމެއް ބާއްވާ، އާ މާކެޓްތައް ހޯދުމަށާއި، ފަތުރުވެރިން ރާއްޖެއަށް އައުން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރިއެރުވުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.




