އިސްލާމްދީނަކީ ހިޔާލުފާޅު ކުރުމުގެ އުސޫލަށް ތާއީދުކުރާ ދީނެއް ކަމަށާއި ނަމަވެސް ބައިބައިވުން އުފެދިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރެއްވުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން ބާއްވާ އިޙްޔާ ފޯރަމްގެ ތެރެއިން، ރޭގައި ބޭއްވި ފުރަތަމަ ފޯރަމްގައެވެ.
އެ ފޯރަމްގައި ރައީސް މައުމޫން ތަޤުރީރު ކުރެއްވީ ”އިސްލާމްދީނުގެ ވަރުގަދަ އަސާސް“ މި މައުޟޫއަށާއި ޑރ. މުހައްމަދު ޤުބާދު ތަޤްރީރު ކުރެއްވީ ”އިސްލާމީ އަޅުކަންތަކުގެ އަލީގައި، އިސްލާމް ދީނުގައި އަޚްލާޤަށް ދެވިފައިވާ މަތިވެރި މަޤާމް“ މި މަޢުޟޫއަށެވެ.
އެގޮތުން ރައީސް މައުމޫންގެ ވާހަކަފުޅުގައި ވަނީ އިސްލާމްދީނުގެ ރުކުންތަކުގެ މުހިއްމުކަމާއި އެކަމުގެ މާތްކަމުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ. އަދި އިސްލާމް ދީނަކީ ޚިޔާލުފާޅުކުރުމުގެ އުޞޫލަށް ތާޢީދުކުރާ ދީނެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ ފުރުޞަތުތައް އޮތްނަމަވެސް ބައިބައިވުން އުފެދިގެން ނުވާނެކަމަށެވެ.
”ޚިޔާލު ފާޅުކުރުން އޮތްނަމަވެސް ހިތުގައި ބައިބައިވުން އުފެދިގެން ނުވާނެ. އެންމެންވެސް ވާންވާނީ އަޚުންތަކެއްގެ ގޮތުގައި“ ރައީސް މައުމޫން ވިދާޅުވިއެވެ.



