މިޔަންމާގެ ރޮހިންޏާ މުސްލިމުންގެ ހައްޤުގައި ރާއްޖެއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ލިޔުމެއް ހުށަހަޅައިފިއެވެ.
އާބާދީ މަދު ރޮހިންޏާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް އައިސީޖޭއަށް މައްސަލައެއް ހުށަހެޅީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. އެ މައްސަލަ ހުށަހެޅުމުގައި އެއިރު އިސްކޮށް އޮތީ ގެމްބިއާއެވެ.
މި މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްޚުލުވާން ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ހުށަހެޅުމުން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އައިސީޖޭއިން ވަނީ އެ ފުރުސަތު ރާއްޖެއަށް ދީފައެވެ.
މިކަމާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި ތަދައްޚުލުވާ އިދާރާއެއްގެ ދައުރާ އެއްގޮތްވާ ގޮތުގެ މަތިން ބަންޑާރަނައިބު އަޙްމަދު އުޝާމްގެ ފަރާތުން މިދިޔަ ހުކުރު ދުވަހު އައިސީޖޭއަށް ލިޔުން ހުށަހަޅައިފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއިން ހުށަހެޅި ލިޔުމުގައި އަލިއަޅުވާލާފައިވާނީ، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތަކުގެ މާނަކުރުމަށް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް، އެ މުއާހަދާގައި ގަތުލްއާންމުގެ މައްސަލަތަކުގައި އަދަބު ދިނުމާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ މާއްދާތައް، ”ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް“ މާނަކޮށްފައިވާ ގޮތަށް އަލިއަޅުވާލާފައިވާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.




