ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގައި ހިންގާ ގަރާޖެއް ބަލައިފާސްކޮށް ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފިއެވެ.
އިމިގްރެޝަނުން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކޮށް، ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައްސަލަ ބެލުމުގެ މަސައްކަތް މި ހިނގާ ރަމަޟާން މަހުގައި ވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން، މާލޭގައި ހިންގަމުން އަންނަ ގަރާޖެއް އިއްޔެ މެްދުރުފަހު ބަލައި ފާސްކޮށްފައިވާ ކަމަށާއި އެތަނުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ބެލުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދަށުން، ސައްހަ ވިސާގައި ރާއްޖޭގައި މިހާރު އުޅޭ ބިދޭސީންގެ އަދަދު އިތުރުވެފައިވާ ކަމަށް އެ މުއައްސަސާއިން އިއްޔެ ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން އިމިގްރޭޝަނުން ބުނީ ރަމަޟާން މަހާ ގުޅިގެން މާލޭގެ މާރުކޭޓުތަކުގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންދެވިފައިވާ ކަމަށާއި މިއޮޕަރޭޝަނުގެ ނަތީޖާއިން ދައްކާގޮތުގައި، މާރުކޭޓުތަކުގައި ސައްހަ ވިސާއާއެކު މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވެފައިވާ ކަމަށް ދައްކާ ކަމަށެވެ.




