ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން މަރިޔަމް ވިސާމް އިސްތިއުފާ ދެއްވައިފިއެވެ.
ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ”ސައުވީސް“ އަށް ވަނީ ކަށަވަރު ވެފައެވެ.
އެނގިފައިވާ ގޮތުގައި ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވީ މިހަފްތާގެ ތެރޭގައެވެ. އިސްތިއުފާ ދެއްވިއިރު، އޭނާވަނީ އެ މަގާމުގައި 11 އަހަރު ވަންދެން ޚިދުމަތް ކުރައްވާފައެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިސާމް ވިދާޅުވީ، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރައްވަން ކަމަށެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސް ލޭންޑުން ބިޒްނަސް އިކޮނޮމިކްސް އިން މާސްޓާސް ހާސިލުކުރައްވާފައިވާ ވިސާމް, މާކެޓިން މެނޭޖްމެންޓުން ޑިގްރީ ހައްދަވާފައިވަނީ ޔޫކޭގެ ނޮތަމްބްރިއާ ޔުނިވާސިޓީން އެވެ.
ވިސާމްގެ ތަޖުރިބާތަކަށް ބަލާއިރު، ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް އައްޔަންކުރުމާ ހަމަޔަށް އޭނާ ހުންނެވީ ހިއްސާގެ ބާޒާރު ބަލަހައްޓާ، ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންޓް އޮތޯރިޓީ(ސީއެމްޑީއޭ)ގެ ޑައިރެކްޓަރުގެ މަގާމުގަ އެވެ. އޭގެ ކުރިން ސީއެމްޑީގެ އެކްޓިން ޑެޕިއުޓީ ސީއީއޯގެ މަގާމުވެސް ވިސާމް ފުރުއްވި އެވެ. އެތަނުގައި 18 ވަރަކަށް އަހަރު ވިސާމް މަސައްކަތް ކުރައްވާފައިވެ އެވެ.
މީގެއިތުރުން ޕެންޝަން އޮފީސްގެ ބޯޑުގެ މެންބަރުކަންވެސް ވިސާމް އަދާކުރައްވާފައިވެ އެވެ. ވިލާ ކޮލެޖާ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގައިވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.



