މަޖިލީހުގެ ހުރިހާ މަސައްކަތެއް އެ ދުވަހެއްގެ ޖަލްސާގައި އިއުލާންކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނިންމަވައިފިއެވެ.
އިއްޔެގެ ޖަލްސާގައި ރިޔާސަތުން މި ނިންމުން ނިންމާފައި ވަނީ މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެން މުސާރަ ނަންގަވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެކަމާ ބަހުސްކުރައްވަމުންނެވެ.
”ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައްޔިތުންނަށް ހާމަވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް“ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.
މިގޮތުން މަޖިލީހުގެ މަސައްކަތްތައް އެ ދުވަހަކު ތަރުތީބުވެފައި އޮންނަ ގޮތެއްގެ ތަފްސީލް އެ ދުވަހެއްގެ ޖަލްސާގައި މީގެފަހުން ހާމަކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ތަޅުމުން މަދު މެންބަރުންތަކެއް ފެނުމުން ޖަލްސާއަށް ވަޑައިނުގެން މެންބަރުން މުސާރަނަންގަވާ ކަމަށް ހީވެދާނެކަން ފާހަގަކުރައްވާ އަބްދުރަހީމް ވިދާޅުވީ މަޖިލީހުން ބިލު ބަލައިގަތުމަށް ނިންމުމާއެކު މެންބަރުން ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.
އެ ހިސާބުން ކޮމިޓީ މަރުހަލާ ފެށިގެން އެ ބިލަކާ ގުޅޭގޮތުން ދިރާސާކުރަންޖެހޭ ވަރަކަށް ދިރާސާކޮށް ހޯދަންޖެހޭ މައުލޫމާތު ހޯދާ، ވަރަށް ބުރަ މަސައްކަތްތަކެއް ކޮމިޓީތަކުގައި ކުރުމަށްފަހު ބިލު ކޮމިޓީ މަރުހަލާ ނިމިގެން މަޖިލީހުގެ ތަޅުމަށް އަންނަ ކަމަށް އަބްދުރަހީމް ވިދާޅުވިއެވެ.



