ހުޅުމާލޭގައި ޢިލްމީ މަރުކަޒަކާއެކު އަމިއްލަ ފަރާތަކުން އިމާރާތްކުރާ މިސްކިތެއްގެ އަސާސް އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
”މަސްޖިދުލް އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ“ ގެ ނަމުގައި ނަންދެވިފައިވާ މި މިސްކިތް ހުޅުމާލޭ ފޭސް 1ގެ ރެޑްވޭވް ސަރަޙައްދުގައި މިހާރު ހުރި ވަގުތީ މިސްކިތުގެ ބިމުގައި އިމާރާތްކުރެވޭއިރު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ސަރުކާރުގެ އިސް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މ. ޠައިބާ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ހިލޭ އެހީގައި އިމާރާތްކުރެވޭ މި މިސްކިތް މި މަޝްރޫޢު ހިންގުމުގެ ޒިންމާ އުފުލަނީ މަދީނާ އިންވެސްޓްމަންޓުންނެވެ. ދެ ބުރިއަށް އިމާރާތްކުރެވޭ މިސްކިތް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ކިޔަވާ ކުދިންނަށް ޚާއްސަ ލައިބްރެރީ އަކާއިއެކުއެވެ.
މި މިސްކިތުގައި އެތެރެއާއި ބޭރުގައި ޖުމްލަ 2000 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭއިރު، މިއީ ހުޅުމާލޭގައި ޢިލްމީ މަރުކަޒަކާއެކު އިމާރާތްކުރެވޭ ފުރަތަމަ މިސްކިތެވެ. މި މިސްކިތް ނިސްބަތް ކުރެވިފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށެވެ.
މީގެއިތުރުން، މި މިސްކިތުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށާއި، އަންހެނުންނަށް ޚާއްޞަ ނަމާދުކުރާ ސަރަޙައްދަކާއި ވަކި ފާޚާނާ ވެސް ހިމެނޭނެއެވެ.
މިސްކިތް އިމާރާތްކުރާ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ސްކިތުގެ މަސައްކަތް ނިންމައި، 2026 ވަނަ އަހަރުގެ ރަމަޟާން މަހު ހުޅުވުމަށް ވަނީ ރޭވިފައެވެ.



