ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމުގައި އަމަލުކުރެއްވި ގޮތުން ގެންގުޅުއްވީ ސިޔާސީ އެކްޓިވިޒަމްގެ ސިފަތައްކަން ހާމަވެއްޖެ ކަމަށް ޕީޕަލްސް ނޭޝަނަލްސް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ފަނޑިޔާރު ސުއޫދު އިއްޔެ އިސްތިއުފާދެއްވާފައި ވަނީ ޖޭއެސްސީން އެ މަނިކުފާނުގެ މައްސަލައެއް ތަހުގީގުކުރަމުން އަންނާތީވެ،ސަސްޕެންޑް ކުރައްވާފައި ހުންނަވަނިކޮށެވެ.
މިކަމަށް އިޝާރާތްކޮށް ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ގާއިމުވެފައި އޮތް ދުސްތޫރީ ނިޒާމަކީ ބާރުތައް ވަކިވެ އެއްބާރުން އަނެއް ބާރު ޖަވާބުދާރީ ކުރުވާ ބާރުތަކުގެ މައްޗަށް ފާރުވެރިވާނެ މުސްތަޤިއްލު މިނިވަން މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައި އޮތް ނިޒާމެއް ކަމަށެވެ.
އެގޮތުން މި ނިޒާމު ރަނގަޅަށް ތަރުތީބުވެގެން ހިނގަމުން ދިއުމަކީ ބާރުތަކުގެ މެދުގައި އޮންނަ ޖަވާބުދާރީ ކުރުވުމުގައި މުސްތަޤިއްލު މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކުރެވުން ކަމަށް އެ ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ތިންބާރުގެ ތެރެއިން ޝަރުޢީ ބާރަކީ ސިޔާސީ ކަންކަމާ ދުރުން ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދީ،އަދުލު އިންސާފު ޤާއިމުކޮށްދިނުމުގެ މަތިވެރި ޒިންމާ ހަވާލުވެފައިވާ ބާރު ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުން އެ ބާރަށް އޮންނަ އިތުބާރުގެ އެއް އަސާސަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ޝަރުއީ ބާރު ނުވަނުން ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
ފަނޑިޔާރުކަމުގެ މަޤާމުގައިވެސް އަދި އެ މަޤާމުން ވަކިވެ ވަޑައިގަތުމުގައިވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރުމަކީ ޤާނޫނީ ނިޒާމުތައް ދަންނަ ކަމެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެއީ މުޅި ޖުޑިޝަރީގެ އިތުބާރު ގެއްލި ޝަރުއީ ދާއިރާ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރު ލިބޭފަދަ މައްސަލައެއް ކަމަށްވެސް އެ ޕާޓީން ހާމަކޮށްފައި ވެއެވެ.
”އިއްޔެ ސްޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުގައި އަމަލުކުރެއްވި ގޮތުން ފަނޑިޔާރު ސުއޫދު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމުގައިވެސް ގެންގުޅުއްވީ އެ މަޤާމަށް ވަޑައިގަތުމުގެ ކުރިންވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައްކަން ސާފުވެއްޖެ“ޕީއެންސީން ބުނެފައި ވެއެވެ.
އިސްތިއުފާ ދެއްވުމަށް ކަމަށް ބުނެ ޤާނޫނުގައި ޖޭއެސްސީއަށް ހުށަހަޅަންޖެހޭނެ ކަމަށް ބުނާ އިސްތިއުފާގެ ސިޓީ އެ ކޮމިޝަނަށް ހުށަހެޅުމުގެ ބަދަލުގައި ރައީސް އޮފީހަށް ހުށަހަޅާފައި ވަނީ އެ ވަގުތުވެސް ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއްނެތް ތުހުމަތުތަކެއް އެޅުވުމަށްޓަކައި ކަމަށް ޕީއެންސީގެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ. އަދި އެއީ ފަނޑިޔާރު ސުއޫދު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވި ކަމުގެ އަލިގަދަ ދަލީލެއް ކަމުގައި އެ ޕާޓީން ވަނީ ބުނެފައެވެ.
ފަނޑިޔާރަކާމެދު ޖިނާއީ ތަހުގީގެއް ފެށުމުން އެ ފަނޑިޔާރަކު ވަގުތީގޮތުން މަސައްކަތުން ދުރުކުރުމާމެދު ގޮތެއް ކަނޑައެޅުމަކީ 2019 ވަނަ އަހަރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޤާނޫނަށް ގެނައި ދެވަނަ އިސްލާހުގައި ބަޔާންކުރާ އިޖުރާއާތެއް ކަމަށާއި ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލައި ގޮތެއް ނިންމުމުގައި އަމަލުކުރަންޖެހޭނެ ކަންކަންވެސް ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
ޕީއެންސީގެ ބަޔާނުގައި ބުނީ މިއީ ވަކި ކޯޓެއްގެ ވަކި ފަނޑިޔާރަކަށްވީތީ ނުވަތަ ވަކި މައްސަލައެއް ކޯޓުގައި ފައިސަލާކުރަމުންދާތީ ހުއްޓެންޖެހޭ ކަންތައްތަކެއް ނޫންކަމަށެވެ. އެހެނަސް މިއީ ދުސްތޫރީ ޤާނޫނީ ނިޒާމު ހަރުދަނާ ގޮތެއްގައި ހިނގާނަމަ އެކަމެއް ފެންމަތިވުމާއެކު ހިނގަމުންދާންޖެހޭ ކަންކަން ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ. އަދި މައްސަލަތައް ހުށަހެޅުމުން މައްސަލަތައް ބެލުމަކީ އެ ކޮމިޝަންތަކުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެއް ކަމަށްވެސް ޕީއެންސީން ބުނެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ މިނިވަން މުއައްސަސާތަކަށް މުސްތަޤިއްލުކަމާއެކު އެ މުއައްސަސާތަކާ މަތިކުރެވިފައިވާ ދުސްތޫރީ އަދި ޤާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ދެއްވާފައި ކަން ފާހަގަކުރައްވާ އެ ޕާޓީން ބުނީ އެ ފަދަ މުއައްސަސާއަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫން ކަމަށެވެ. މިގޮތުން އެއީ ދުސްތޫރީ ޤާނޫނީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދިއުން ކަމަށްވެސް ޕީއެންސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޕީއެންސީން ވަނީ ޤާނޫނު އަސާސީއާ ޤާނޫނުތައް ނެގެހެއްޓުމާއި މި ނިޒާމު ހިނގަންޖެހޭގޮތަށް ހިނގަމުންދާކަން ކަށަވަރު ކުރުމުގައި އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ދައްކަވަމުންދާ ނަމޫނާއަށް އެ ޕާޓީގެ ނަމުގައި މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.



