ރަޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމުން މަރިޔަމް ވިސާމް އިސްތިއުފާ ދެއްވި ނަމަވެސް، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ) ގެ ބޯޑުގައި އޭނާ ދެމިހުންނަވާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭއިޑްއިން ބުނެފިއެވެ.
2014 ވަނަ އަހަރުން ފެށިަރުން ފެށިގެން ރަޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމު ފުރުއްވަމުން ގެންދެވި މަރިޔަމް ވިސާމް އެ މަޤާމުން ވަކިވެވަޑައިގަތުމާ ގުޅިގެން، އިޤްތިޞާދީ ވުޒާރާއިން އޭނާގެ 11 އަހަރުގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާ ބުނެފައި ވަނީ ވިސާމްގެ މަސައްކަތުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ވަރުގަދަ އޮނިގަނޑެއް ޤާއިމުކުރެވިފައިވާ ކަމަށެވެ.
ރަޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމުން ވިސާމް އިސްތިއުފާ ދެއްވާފައި ވަނީ އަމިއްލަ ދާއިރާގައި މަސައްކަތްކުރެއްވުމަށްޓަކައެވެ. އަދި އެމަގާމުން އޭނާ އިސްތިއުފާ ދެއްވި ކަމުގައިވީ ނަމަވެސް، އޭނާ މިފްސާގެ ގަވަރނިންގ ބޯޑުގެ މެންބަރުކަމުގައި ދެމިހުންނެވުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމަވާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ޢާންމުކޮށް އަންގަވާފައެވެ.
މިފްސާއަކީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އޯފްޝޯ އަދި އޮންޝޯ ފައިނޭންސިންގ ޚިދުމަތްތަކާ ގުޅޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް އުފައްދާފައިވާ ސަރުކާރުގެ އިދާރާއެކެވެ. މި އިދާރާގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ އެކި ދާއިރާތަކުން 7 މެންބަރުންނެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސް ލޭންޑުން ބިޒްނަސް އިކޮނޮމިކްސް އިން މާސްޓާސް ހާސިލުކުރައްވާފައިވާ ވިސާމް, މާކެޓިން މެނޭޖްމެންޓުން ޑިގްރީ ހައްދަވާފައިވަނީ ޔޫކޭގެ ނޮތަމްބްރިއާ ޔުނިވާސިޓީން އެވެ.
ވިސާމްގެ ތަޖުރިބާތަކަށް ބަލާއިރު، ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް އައްޔަންކުރުމާ ހަމަޔަށް އޭނާ ހުންނެވީ ހިއްސާގެ ބާޒާރު ބަލަހައްޓާ، ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންޓް އޮތޯރިޓީ(ސީއެމްޑީއޭ)ގެ ޑައިރެކްޓަރުގެ މަގާމުގަ އެވެ. އޭގެ ކުރިން ސީއެމްޑީގެ އެކްޓިން ޑެޕިއުޓީ ސީއީއޯގެ މަގާމުވެސް ވިސާމް ފުރުއްވި އެވެ. އެތަނުގައި 18 ވަރަކަށް އަހަރު ވިސާމް މަސައްކަތް ކުރައްވާފައިވެ އެވެ.
މީގެއިތުރުން ޕެންޝަން އޮފީސްގެ ބޯޑުގެ މެންބަރުކަންވެސް ވިސާމް އަދާކުރައްވާފައިވެ އެވެ. ވިލާ ކޮލެޖާ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގައިވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.



