ސިއްހަތަށް ނުރައްކާ ވެދާނެތީ ”މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް“ ރާއްޖެ އެތެރެ ނުކުރުމަށާއި، ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭ އިން މިއަދު މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑް“ އިން ތައްޔާރުކޮށްފައިވާ ”މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް“ގައި އެކުލެވިގެންވާ ތަކެތީގެ ތެރޭގައި ބިސް ހިމެނޭ ކަމަށެވެ.
ނަމަވެސް އެ ސޯސް އުފެއްދުމުގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައި ނުވާތީ، އެ ސޯސް އުފެއްދި ކުންފުނިން އޭގެ ބެޗުތައް ބާޒާރުން ނެގުމަށް އަންގާފައިވާކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
މީގެއިތުރުން އެމްއެފްޑީއޭ އިން ބުނީ، މި އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީޒް ނެޓްވޯކު މެދުވެރިކޮށް ވެސް އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
އެގޮތުން ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވުމަކީ މި އުފެއްދުން ބޭނުންކުރާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކަލެއް ދިމާވެދާނެފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ އިދާރާއަށް އަންގާފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.



