އިއްޔެ މިސްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި އަރަބި ލީގުގެ ޣައްޒާއާބެހޭ ސަމިޓުގައި ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން ހުށަހެޅި ރިކޮންސްޓްރަކްޝަން ޕްލޭން ފާސްކުރުމަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޣައްޒާ އަލުން އާރާސްތު ކުރުމަށް ސަމާލުކަން ދިނުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމުގައި ތިބެވޭނެގޮތްވެ، އެކަމުގެ ސަބަބުން ސުލްހަވެރި ހައްލަކަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ މިއީ 1967 ވަނަ އަހަރުގެ ކުރިން އިރުމަތީ ގުދުސް އަކީ އެ ޤައުމުގެ ވެރިރަށުގެ ގޮތުގައި އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ ރައްޔިތުން ދައުލަތެއްގެ ގޮތުގައި ހޯދުމުގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިސްރުން އެކުލަވާލާފައިވާ 112 ޞަފްޙާގެ ޕްލޭންގައި ޣައްޒާގެ ބިން އަލުން ތަރައްޤީ ކުރާނެ ގޮތް ދައްކުވައިދޭ މެޕްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ޕާކްތަކާއި ކޮމިއުނިޓީ ސެންޓަރުތައް ހިމެނެއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް އިން އުފައްދާފައިވާ ދިހަވަރަކަށް ކުލަ ތަސްވީރު ވެސް އެ ޕްލޭންގައި ހިމަނާފައިވެއެވެ.
އެ ޕްލޭންގައި ވިޔަފާރި ބަނދަރާއި ޓެކްނޮލޮޖީ ސެންޓަރެއްގެ އިތުރުން ގޮނޑުދޮށް ސަރަޙައްދުގައި ހޮޓާތައް ޢިމާރާތް ކުރުމަށްވެސް ޕްލޭންކޮށްފައިވެއެވެ.
މިއީ އަހަރަކަށް ވުރެ ގިނަ ދުވަހު ދެމިގެންދިޔަ ހަނގުރާމައިގައި އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ޣައްޒާ ސުންނާފަތި ކޮށްލުމުން ޣައްޒާ އަލުން އާރާސްތު ކުރުމަށް ހުށަހަޅާފައިވާ ޕްލޭނެކެވެ.




