އުޅަނދު ދުއްވުމުގެ ހުއްދައިގެ ތިއަރީ ޓެސްޓް މާދަމާއިން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމައިފިކަމަށް އެ މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މި ބަދަލާ ގުޅިގެން، މާލޭ ސަރަހައްދުގައި ތިއަރީ އިމްތިހާނަށް އެދޭ ފަރާތްތަކުން ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް ފޯމު ހުށަހަޅާއިރު، އިމްތިހާނު ހަދާ ތަނެއްގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީ އިޚްތިޔާރުކުރަންވާނެ ކަމަށެވެ.
މީގެ ކުރިން މި އިމްތިހާނު ބޭއްވަމުން އައިސްފައި ވަނީ ޕޮލިޓެކްނިކުންނެވެ. އެހެންނަމަވެސް، މި މަސްއޫލިއްޔަތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމި ސަބަބެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.




