ސަރުކާރުން މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރަމުންދާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިހާތަނަށް ރޯދަ ހަދިޔާ ނުލިބިވާ ހުވަދު އަތޮޅުގެ ދެ ބުރީގެ ރަށްތަކަށް މާދަމާ ރޯދަ ހަދިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މިއާއެކު ރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ރޯދަ ހަދިޔާ ރައްދުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ގްރޭޓާރ މާލޭ ސަރަހައްދުގައި މިހާރު ވެސް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާއިރު، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މި ރަމަޟާން މަހު ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދަނީ ކޮންމެ ރެއަކު 9:30 އިން 11:30 އަށެވެ. މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް 5 ތަނެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރޯދަ ހަދިޔާ ބެހުމުގައި ޓޯކަން ނިޒާމެއް ބޭނުންކުރެވެމުންދާއިރު، މި ނިޒާމުގެ ދަށުން ރޯދަ ހަދިޔާ ބަލައިގަތުމަށް ހާޒިރުވާންޖެހޭ ތަނާއި ވަގުތު ކުރިއާލައި އެނގިގެންދެއެވެ.



