މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުޙައްމަދު ފަޒީން އަށް ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން، އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭގައި ނިންމާފައިވެއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރޭގެ ޖަލްސާގައި، މި މައްސަލަ މަޖިލީހުގެ ފްލޯއަށް ގެންދިއުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ހުށަހެޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ތާއީދުކުރެއްވުމާއެކު، ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން އެކަން ފާސްވިއެވެ.
މީގެ އިތުރުން، މި މައްސަލައިގައި އިތުރު ފުރުސަތެއް ދިނުމަށް ޝަރީފް ހުށަހެޅުއްވިއެވެ.
”މިއީ މިނިވަންކަމާއެކު، ވަކި ފަރާތަކަށް ނުޖެހި ބަލަމުންދާ މައްސަލައަކަށް ވާތީ، ވީހާވެސް ފުޅާ ދާއިރާއެއްގައި މިކަން ކުރިއަށް ގެންދިއުމަށްޓަކައި، ދެވެން އޮތް ހުރިހާ ފުރުސަތެއް ދޭން ފެންނަ ކަމަށް“ ޝަރީފް ވިދާޅުވިއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް މި ހުށަހެޅުމަށް ތާއީދުކުރެއްވުމާއެކު، މިކަންވެސް ކޮމިޓީގެ އިއްތިފާޤުން ފާސްކުރެވުނެވެ.
ކޮމިޓީން ބަލަމުންދާ މައްސަލައިގެ ތަފްސީލު ހާމަކޮށްފައި ނުވިނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ފަޒީންގެ މައްޗަށް ތުހުމަތު ކުރެވޭ ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އޭނާ މަޤާމުން ވަކިކުރުމާ ގުޅޭ މައްސަލައެކެވެ.



