ރަޝިޔާއާއެކު ސުލްހަ ގާއިމް ކުރުމަށް ކިއެވް ތައްޔާރަށް ހުރިކަން ކަށަވަރުކޮށްދީ ޔުކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ސުލްހައަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ވައިގެ މަގުންނާއި ކަނޑުމަގުން ހަނގުރާމަ ހުއްޓާލުމަށް ޔުކްރޭނުން ހުށަހަޅާފައިވާއިރު، އަސްކަރީ އެހީ ހުއްޓުވަން ވޮޝިންޓަނުން ނިންމުމުން ޔުކްރޭނާއި ރަޝިޔާގެ ކުރިމަތިލުން ހައްލުކުރުމަށް އެމެރިކާއިން ބާރުއަޅާ ކަމަށް ކްރެމްލިން އިން ލަފާކުރެއެވެ.
ކޮންގްރެސްގެ ޖޮއިންޓް ސެޝަނެއްގައި ދެއްކެވި ވާހަކަފުޅެއްގައި ޓްރަމްޕް ވަނީ އޭނާގެ ވެރިކަމުން ޔޫކްރޭނާއެކު ސުލްހަ ގާއިމް ކުރުމަށް މޮސްކޯ ތައްޔާރަށް ހުރިކަމުގެ ވަރުގަދަ އިޝާރާތްތަކެއް ލިބިފައިވާކަން ހާމަކޮށްފައެވެ.
އަނެއްކޮޅުން އެމެރިކާގެ ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެމްބަރު ޖީން ޝާހީން ވިދާޅުވީ އެމެރިކާގެ އަސްކަރީ އެހީ ޔުކްރޭނަށް ހުއްޓާލައިފިނަމަ ރަޝިޔާއިން ޔޫކްރޭންގެ ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށް ބޮން އެޅުންފަދަ ކަންކަމަށް ހުރަހެއް ނޯންނާނެ ކަމަށެވެ. ޝާހީން އިތުރަށް ވިދާޅުވީ އެމެރިކާގެ އެހީ ކަނޑާލުމުގެ ބުރަ އުފުލަން ޖެހޭނީ ޔޫކްރޭންގެ އާންމު ރައްޔިތުންނަށް ކަމަށެވެ. އެހެންވުމުން ރަޝިއާއެކު ޞުލްޙަ ޤާއިމްވުމަކީ ޔުކްރޭންއަށް އޮތް އެންމެ ރަނގަޅު ޙައްލުކަމަށެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ ދެމިއޮންނަ ސުލްހައެއް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލީޑަރޝިޕްގެ ދަށުން މަސައްކަތް ކުރަން ތައްޔާރަށް ހުރިކަން ހާމަކޮށްފައެވެ.
ޔުކްރޭންގެ ރައްޔިތުންނަށް ދެއްވި ވީޑިއޯ ޚިޠާބެއްގައި ޒެލެންސްކީ ވަނީ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅުއްވި އިރު، އޭނާގެ ދަތުރުފުޅުގައި ވައިޓް ހައުސްގައި ހިނގި ކަންތައްތަކަކީ ހިތާމަވެރި ކަންތައްތަކެއް ކަމަށް ސިފަކުރައްވާފައެވެ. އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ ސަބަބުން ރަޝިޔާގެ ރޭވުންތައް ނާކާމިޔާބު ކުރެވިދާނެ ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.
ޑިޕްލޮމެޓިކް އޮފިޝަލަކާ ހަވާލާދީ އެންބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރެވޭނެ ކަމުގެ ޔަގީންކަން ޒެލެންސްކީއަށް ވަނީ ބޭނުންވެފައެވެ.
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވީ ޕެރިހާއި ލަންޑަނުން ހުށަހަޅަނީ ރަޝިޔާ އާއި ޔުކްރޭންއާ ދެމެދު މަހެއްހާ ދުވަހަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ކަމަށެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ކިއެވްއަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ވޮޝިންޓަނުން ބޮޑު ދައުރެއް އަދާކުރާއިރު އެމެރިކާގެ ސަޕްލައިތައް މެދުކަނޑާލައިފިނަމަ ޔޫކްރޭންގެ ގިނަބާރުތަކެއް ގެއްލޭނެކަމަށެވެ. މީގެތެރޭގައި ޖާސޫސީ ވަސީލަތްތަކަށް ހީނަރުކަން އަންނާނެކަމުގައި އޭނާ ވިދާޅުވެއެވެ.
ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ޑެޕިއުޓީ ޗެއާމަން ޑިމިޓްރީ މެޑްވެޑެ ވިދާޅުވީ ޓްރަމްޕް ކިއެވްއަށް ދޭ އެހީ މެދުކަނޑާލުމަކީ ޞުލްޙައަށް އެޅޭ ރަމްޒީ ފިޔަވަޅެއް ކަމަށެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާއިން ޔޫކްރޭނަށް އަސްކަރީ ހަމަލާތަކެއް ދެމުން އަންނައިރު، އެ ހަމަލާތައް ހުއްޓާލުމަށް ޝަރުތުކޮށްފައި ވަނީ ކިއެވްގެ ކަންކަމަށް ހުޅަނގުން ”ތަދައްޚުލުވުން“ ހުއްޓާލާ ކިއެވްއިން ހުޅަނގުގެ އަސްކަރީ ޖަމާއަތްތަކުގެ މެމްބަރުކަން ދޫކޮށްލަން ޖެހޭނެ ކަމަށް ޝަރުތުކުރުމަށްފަހުއެވެ.



