އާންމުކޮށް ބަނޑުގައި ވައި ހެދި، ގެސްޓްރިކްގެ މައްސަލަތަކަށް ބޭނުންކުރާ އިންޖެކްޝަނެއް ކަމުގައިވާ ”Pantop 40 Injection“ ގައި ކޮލިޓީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ، އެ ޕްރޮޑަކްޓް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
މިކަމާ ގުޅިގެން އެމްއެފްޑީއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކޮލިޓީ މައްސަލަ އުޅޭކަމަށް ފާހަގަވެފައިވަނީ މިފަދަ އިންޖެކްޝަންގެ ބެޗް ނަންބަރު EMPH243030 ގައި ކަމަށާއި އެހެންކަމުން އެ ބެޗުގެ އިންޖެކްޝަން ރާއްޖެ އެތެރެކުރުމާއި، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
މީގެ އިތުރުން މި އިންޖެކްޝަން އެއްވެސް ފާމަސީއެއްގައި ނުވަތަ ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނެއްގައި ހުރިނަމަ އެކަން އެ އޮތޯރިޓީއަށް އެންގުމަށްވެސް އިއުލާނުގައި ވަނީ އެދިފައެވެ.
ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ބޭސް އެއް ތަނުން އަނެއް ތަނަށް އުފުލައި ގުދަންކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް ހިފެހެއްޓުމަށް ބޭސް އެތެރެކޮށް ވިއްކާ ކުންފުނިތަކަށް އަންގާފައިވާނެ ކަމަށް ވެސް އެމްއެފްޑީއޭން ބުންޏެވެ.



