ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ރަސްފަންނު ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފެށުމާ ގުޅޭގޮތުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ރަމަޟާން މަހަށް މާލޭގެ ރައްޔިތުންނަށް ރަސްފަންނު ބޭނުންކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މި މަސައްކަތް ކުރިއަށް ގެންދާ ކަމުގައެވެ.
އިހަށްދުވަހު ކޮންސްޓްރަކްޝަން މިނިސްޓްރީން ރަސްފަންނު މަރާމާތުކުރުމަށް އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. މި މަސައްކަތަށް ފާއިތުވި މަހުގެ 22 އިން 28 އަށް އެ ސަރަހައްދު ބަންދުކުރެވުނެވެ.
މި ވަގުތު ރަސްފަންނު ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު މިފަހުން އެ ސަރަހައްދަށް ޒިޔާރަތްކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެތަން މަރާމާތުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ދެރަވެފައިވާ މިންވަރާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސް ވަނީ މާލޭގެ ތޮއްޖެހުމުގެ ތެރޭގައި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ މި ދެ ތަނުގެ މުހިންމުކަން ފާހަގަކުރެއްވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިންގ މިނިސްޓަރުކަން ކުރެއްވި ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ތަރައްގީކުރެވުނު މި ދެ ތަނަކީ، މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށް ހިންގުނު ހާއްސަ މަޝްރޫއެކެވެ.




