މާލޭ މަގުމަތީގައި ހެދިފައި ހުންނަ ގަސްތައް ކަނޑާ މައްސަލައިގައި ސިޓީ ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މާލޭގެ މަގެއް މަތީގައި ހުރި ގަސްތަކެއް ކަނޑާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރައްވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
”މާލޭގެ މަގުތަކުގައި ހެދިފައި ހުރި ގަސްތައް މާލެ ސިޓީ ކައުންސިލުން އެއިރެއްގައި ހިތު ހުރި ގޮތަކަށް ކަނޑާހެދުމަކީ ޤާނޫނާ ޚިލާފަށް ކުރާ ކަމެއް“ ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މިކަމުގައި ސިޓީ ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ޖެހޭ ކަމަށް ދެކޭ ކަމަށް ރައީސް ނަޝީދުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
މާލޭގެ މަގުތަކުގައި ހެދިފައި ހުރި ގަސްތައް ސިޓީ ކައުންސިލުން ކަނޑަމުން އަންނަކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވާއިރު، މި މައްސަލައަކީ ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ކަންބޮޑުވުން ހިމެނޭ މައްސަލައެކެވެ.
ނަމަވެސް ކަމާބެހޭ ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި ގަސްތައް ކަނޑަމުން އަންނަނީ އިމާރާތްތަކަށާއި މަގުތަކަށް ގެއްލުންވުމުގެ އިތުރުން ވެހިކަލްތަކަށް އެ މަގުތަކުން ދަތުރުކުރުމަށް ދަތި ވާތީއެވެ.



