ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ދައުލަތުން ޖަވާބު ދޭންޖެހޭ މުއްދަތު ހަމަނުވާ ކަމަށާއި، ޖަވާބު ދޭންޖެހޭ މުއްދަތުގައި ބަންޑާރަނައިބުގެ އޮފީހުން ޖަވާބު ދީފައިވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ދައުލަތަށް ދިން 10 ދުވަހުގެ މުއްދަތުގައި ޖަވާބު ނުދޭ ކަމަށް ބުނެ ބަންޑާރަ ނައިބާމެދު ފިޔަވަޅު އަޅައިދޭން އެދި އަލީ ހުސައިން މިއަދު ވަނީ ސުޕްރީމް ކޯޓަށް ސިޓީއަކުން އެދިލައްވާފައިވާކަން ”އެކްސް“ މެދުވެރިކޮށް ހިއްސާ ކުރައްވާފައެވެ.
އެ ޕޯސްޓަށް ރައްދު ދެއްވަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ އަލީ ހުސެއިން އެ ކުރައްވާ ކަންތައްތަކަކީ ކޮންމެ ސަބަބަކާ ގުޅިގެން ކުރާ ކަންތަކެއް ނަމަވެސް ފާޅުގައި ފެންނަން ހުންނަ ކަންކަމުގަވެސް ދޮގު ހަދައި އޮޅުވާލުމަކީ ނިޔަތް ސާފުވެގެންދާ ކަމެއް ކަމުގައެވެ.
”ތިޔަބުނާ މައްސަލާގައި ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް. އަދި އެމުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި. އެމުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަކަށްނޫން. ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އަޅުގަނޑު ކިޔައިނުދިނަސް އެނގޭނެކަމަށް ދެކެން.“ ބަންޑާރަ ނައިބު އުޝާމް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އުޝާމް ވަނީ މިބަރަކާތްތެރި ރަމަޟާން މަހު އެފަދަ ދޮގު ވާހަކަތައް ފަތުރައި، ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރުމުގައި ޝާމިލްވުމަށް އަލީ ހުސެއިންއަށް ނަސޭހަތްތެރި ވެސް ވެފައެވެ.



