މާލޭގެ އެކި ސަރަހައްދުތަކުގައި ކޮތަރު މަރުވަމުންދިޔައީ އެ ދޫނިތަކަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާރ އެންޑް އެނިމަލްވެލްފެއާރ އިން ބުނެފިއެވެ.
އެމިނިމިސްޓްރީން މާލޭގެ އެކި ސަރަހައްދުތަކުގައި މަރުވަމުންދާ ކޮތަރުތަކާ ބެހޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި ފާހަގަކުރެވުނު ކޮތަރުތަކެއް މަރުވަމުންދާ މައްސަލައިގައި، އެ ދޫނިތަކަށް ޖެހިފައިވާ ބައްޔެއް ދެނެގަނެވިފައިވާ ކަމަށާއި، ނަމަވެސް އެ ބަލީގެ ސަބަބުން އިންސާނުންނަށް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މަރުވެފައިވާ ކޮތަރުތަކުގެ ސާމްޕަލްތައް ޓެސްޓުކުރުމުން، އެ ދޫނިތަކަށް ޖެހިފައިވާ ބައްޔަކީ ”އިންފެކްޝަސް ކޮރައިޒާ“ ކަން އެނގިފައިވާ ކަމަށާއި މި ބައްޔަކީ ދޫނިތަކުގެ ނޭވާލާ ނިޒާމަށް އަސަރުކުރާ ބައްޔެކެވެ.
މީގެއިތުރުން މި ބަލި ދެނެގަނެވިފައި ވަނީ ބަލި ފެތުރިފައިވާ ގޮތާއި، ބަލީގެ އަލާމާތްތަކާއި، ނެކްރޯޕްސީ ހޯދުންތަކާއި އަދި ލެބޯޓްރީގެ ޓެސްޓުތަކުގެ ނަތީޖާތަކަށް ބިނާކޮށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
”އެވިބެކްޓީރިއަމް ޕެރަގެލިނޭރަމް“ ނަމަކަށް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން މި ބަލި ޖެހޭކަން ހާމަކޮށް މިނިސްޓްރީން ބުނީ ކޮތަރުތަކަށް ކޮކްސިޑިއޯސިސް، ކެންޑިޑިއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައް ވެސް ޖެހިފައިވާކަން ތަހުލީލުތަކުން ދައްކާ ކަމަށެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ނޭފަތުން ފެން އައުމާއި، ކެއްސުމާއި، ނޭވާލުމަށް އުނދަގޫވުމާއި، ބޮލާއި މޫނު ދުޅަވުމާއި، ކާންބުއިމަށް އުނދަގޫވުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް މިއީ ކުރު މުއްދަތެއްގެ ތެރޭގައި އަމިއްލައަށް ކޮންޓްރޯލްވާ ބައްޔެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބަލީގެ ސަބަބުން އިންސާނުންނަށް ނުރައްކަލެއް ނެތް ނަމަވެސް، މަރުވެފައިވާ ނުވަތަ ބަލިޖެހިފައިވާ ކޮތަރުތަކާ ކުޑަކުދިން ގާތްނުކުރުމަށާއި، ބޮޑެތި މީހުން ވެސް އެފަދަ ދޫނިތަކުގައި އަތްލާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.




