މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ކާނުތައް ސާފުކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ނިންމައިފިއެވެ.
ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ’އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ކުޑަކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ވެސް ކާނުތައް ސާފުކުރުމުގެ މަސައްކަތް ކޮންމެވެސް މިންވަރަކަށް ކުރަމުން ގެންދާއިރު، މާލެ ސިޓީ މޭޔަރު އަލްފާޟިލް އާދަމް އާޒިމް ވަނީ ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަ ދިމާވުމަށްފަހު، މި މަސައްކަތް އިތުރަށް ހަލުވިކުރުމަށް އިރުޝާދު ދެއްވާފައެވެ.
އާޒިމް ފާހަގަކުރައްވާފައިވާ ގޮތުގައި ފެން ހިނދުން ލަސްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ މަގުމަތީގެ ކާނުތަކުގައި ކުނި އެއްވެ ގިނަވުމެވެ.
ފެން ހިންދުމުގެ މަސައްކަތަށް އިތުރު ބާރެއް ލިބޭނެ ގޮތަށް، ސިޓީ ކައުންސިލުން ވަނީ އާރުޑީސީ މެދުވެރިކޮށް އިތުރު ދެ ޕަންޕު ގެނެސްފައެވެ. މި ޕަންޕުތަކަކީ ފެން ގަނޑުގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ހަރު އެއްޗެހި ވެސް ބޭރުކުރެވޭ ފަދަ ޕަންޕުތަކެކެވެ. މި ޕަންޕުތަކުން މިނެޓަކު 11,356 ލީޓަރު ފެން ބޭރުކުރެވޭނެއެވެ. މީގެ ކުރިން ބޭނުންކުރަމުން އައި ޕަންޕުތަކުން މިނެޓަކު ބޭރުކުރެވެނީ 1,300 ލީޓަރު ފެނެވެ.



