ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި، އޭނާ މަރާލި ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ދިވެހި ފުލުހުންނަށް އަންގައިފިއެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ގުދަނުން ވަޅިއެއް ފެނުމާއި، އެ ވަޅީގައި ޒަކިއްޔާގެ ލޭ ހުރުމުގެ ސަބަބުން ރަށުގެ ގިނަ ރައްޔިތުން ގަބޫލުކުރަނީ އޭނާ މަރާލެވުނު ކަމަށެވެ. އަދި ފުލުހުންވެސް ވަނީ ޒަކިއްޔާ ފެނުނުއިރު އޭނާގެ ކަރުގައި ވަޅި އަޅާފައިވާކަމަށް ފާހަގަކޮށްފައެވެ.
ނަމަވެސް، ޒަކިއްޔާއަށް ލިބިފައިވާ އަނިޔާތަކަކީ އެހެން މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ނޫންކަމަށް ފުލުހުން ވަނީ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައެވެ.
މި މައްސަލައިގެ ތަހުގީގަށް އިތުރު ފަރާތްތަކުގެ ލަފާ ހޯދުމުގެ ގޮތުން، ފުލުހުން ވަނީ އެފްބީއައިއާ މައުލޫމާތު ހިއްސާކޮށް، އެހީތެރިކަން ހޯދާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްބީއައިއިން ހޯދި ހޯދުންތައް މިދިޔަ ހަފުތާގައި ވަނީ ފުލުހުންނާ ހިއްސާކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ރަސްމީ ބަޔާނެއް އަދި ލިބިފައި ނުވެއެވެ.
މިކަމާއި ގުޅޭގޮތުން މިނިސްޓަރު އިހުސާން ވިދާޅުވެފައި ވަނީ ތަހުގީގުގެ ހުރިހާ މަރުހަލާއެއް ނިމުމުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.



