މީރު ވަހެއް ހުންނަ އަނގަޔަށް މީރު މޭވާއެއް ކަމަށްވާ ފޭރުގައި ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ހިމެނެއެވެ. އެގޮތުން މިއީ ކެއުމުގައި ހިމަނަން ފައިދާ ހުރި މޭވާއެކެވެ. ދިފާއީ ނިޒާމު ވަރުގަދަ ކުރުމުން ފެށިގެން ހަޖަމުކުރުމަށް އެހީތެރިވުމާ ހަމައަށް ފޭރުގައި ހުންނަ ”ނިއުޓްރިއެންޓްސް“ އެހީތެރިވެދެއެވެ.
ފޭރުގައި ގިނަ އަދަދަކަށް ވިޓަމިންސީ ހިމެނޭއިރު، މިއީ ދިފާއީ ނިޒާމު ވަރުގަދަކޮށް، އިންފެކްޝަންތަކުން ހަށިގަނޑު ރައްކާތެރިކޮށްދީ ހުން އައުމާއި ރޯގާ ޖެހުމުން ދުރުކޮށްދޭ މޭވާއެކެވެ.
ފޭރުގައި އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ހިމެނޭ ވިޓަމިން ސީ އަކީ ހަށިގަނޑުގައި ހުންނަ ގެއްލުން ހުރި ފްރީ ރެޑިކަލްސް ނިއުޓްރަލައިޒްކޮށް، ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދީ، ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ.
ދުޅަހެޔޮ ހަންގަނޑަކާއި އިސްތަށިގަނޑެއް އަދި ނިޔަފަތިތަކަށް ކޮންމެހެން ބޭނުންތެރި ވިޓަމިން ސީ އަކީ ކޮލަޖަން އުފެއްދުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ފޭރުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކާއި ވިޓަމިންތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، ކޮލަޖަން އުފެއްދުމަށް މަގުފަހިކޮށްދެއެވެ.
ފޭރަކީ ސޮލިއުބަލް އަދި އިންސޮލޫބަލް ފައިބާރ ގިނައިން ހިމެނޭ މޭވާއެކެވެ. މި ފައިބަރުގެ މިންވަރު މަތިވުމުގެ ސަބަބުން ބަނޑުހައިވުން ހުއްޓުވައި، ގޮހޮރުގެ ސިއްހަތު ރަނގަޅުކޮށްދެއެވެ.
ފޭރުގައި ހިމެނޭ ފައިބަރުގެ ސަބަބުން ލޭގެ ތެރެއަށް ހަކުރު ޖަމާވުން ލަސްކޮށްދީ، ލޭގައި ހަކުރުގެ މިންވަރު އިތުރުވުން ހުއްޓުވައި، ހަކުރުބަލި ހުންނަ ފަރާތްތަކަށް ފޭރު ބޭނުންކުރުމުން ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓަން އެހީތެރިވެދެއެވެ.
ހަމައެހެންމެ ފޭރުގައި ހިމެނޭ ގިނަ އަދަދެއްގެ ފައިބަރުގެ ސަބަބުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.ފޭރުގެ ފައިދާތަކުގެ ތެރޭގައި ވިޓަމިން ސީ އާއި ފައިބަރުގެ އިތުރުން ވިޓަމިން އޭ ވެސް ހިމެނެއެވެ.
ވިޓަމިން އޭ އަކީ ލޮލުގެ ފެނުމާއި، ދިފާޢީ ނިޒާމުގެ މަސައްކަތްތަކާއި، ހަށިގަނޑުގެ އެކި ސެލްތައް ހެދިބޮޑުވުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ވިޓަމިން އޭ އިން ލޮލުގެ ފެނުން ރަނގަޅުކޮށްދީ އުމުރާ ގުޅިގެން އަންނަ މެކިއުލަރ ޑިޖެނެރޭޝަން އިން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.އަދި އޭގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު ދުޅަހެޔޮކޮށް ބަހައްޓައިދީ ހިތުގެ މަސައްކަތް ރަނގަޅު ކުރުމަށް އެހީތެރިވެދެއެވެ. މިގޮތުން ފޭރުގައި ހިމެނޭ ޕޮޓޭސިއަމް އާއި ފައިބަރުގެ ސަބަބުން ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ކާޑިއޯ ވެސްކިއުލަރ ސިސްޓަމްގެ ސިއްހަތު ދުޅަހެޔޮކޮށްދެއެވެ.
މީގެ އިތުރުން ފޭރުގައި ހިމެނޭ ފްލެވަނޮއިޑްސް އަދި ޕޮލިފެނޯލްސް ފަދަ އެންޓިއޮކްސިޑެންޓްސް ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ފޭރުގައި އެކުލެވޭ އެންޓިއޮކްސިޑެންޓް ގިނަވުމުން އެންޓި ކެންސަރު ޕްރޮޕަޓީސް ހިމެނޭނެއެވެ.ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ފޭރުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ފުއްޕާމޭގެ ކެންސަރު، ކޮލޮރެކްޓަލް ކާސިނޯމާ، މައިލޯއިޑް ލޫކެމިއާ، ސްކުއަމަސް ސެލް ކާސިނޯމާ، މައިލޯމާ، ސާވިކަލް ކެންސަރު އަދި ގޭސްޓްރިކް ކެންސަރު ފަދަ އެކި ކެންސަރުތަކުގެ ސެލްތައް ބޮޑުވުން ހުއްޓުވައިދެއެވެ.
މިކަމާއި ގުޅިގެން އިތުރަށް ދިރާސާތަކެއް ކުރަން ޖެހުނު ނަމަވެސް މިހާތަނަށް ހޯދިފައިވާ ހޯދުންތަކަކީ އުއްމީދީ ހޯދުންތަކެކެވެ.




